ރައީސް މުހައްމަދު ނަޝީދަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ނަޝީދު އެއްވެސް ކަމެއް ނުކުރައްވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ހަސަން މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކި ފެކްޝަނެއް ހައްދަވައިގެން ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެންނެވެ.
އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީ އާއި އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އަދި އެމްޑީއޭގެ އިސްވެރިންނާ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގައި ބޭއްވެވި ބައްދަލުވުމަށްފަހު "ހުރިހާ" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދު ވަކި ފެކްޝަނެއް ހައްދަވައިގެން ރިޔާސީ އިންތިހާބަށް މަސައްކަތް ކުރެއްވި ކަމުގައިވީ ނަމަވެސް އެގޮތަށް އެ މަސައްކަތެއް ނުކުރެއްވޭނެ ކަމަށެވެ.
އެމްޑީޕީން މިހާރު ވަނީ ރިޔާސީ ކެންޑިޑޭޓަކު އިންތިހާބު ކޮށްފައި ކަމަށާއި އެހެންވީމާ ޕާޓީ ތެރެއިން ވަކި ފެކްޝަނެއް ހަދައިގެން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"ވަކި ފެކްޝަނެއް ހަދައިގެން އެކަމެއް ނުކުރެވޭނެ ނޫންތޯ. އެމްޑީޕީގައި އެބޮތް އަމަލުކުރަން ޖެހޭ ވަކި ގަވާއިދުތަކަކާއި އުސޫލުތަކެއް. އޭގެތެރޭގައި އެމްޑީޕީގެ މަސައްކަތް ކުރަންވާނީ. އެމްޑީޕީގެ މިހާރު މިއޮތީ ކެންޑިޑޭޓެއް އިންތިހާބު ކޮށްފައި. ޕާޓީ އޮންނަންވާނީ އެ ނިންމުމާ އެކީގައި،" ރައީސް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން "ހުރިހާ" އިން ސުވާލު ކުރުމުން ހަސަން ވިދާޅުވީ އެހެން ޕާޓީތަކާއި ވާހަކަ ދެއްކުމުގެ ބާރު އެމްޑީޕީގެ ރައީސް އަށް ޕާޓީގެ އަސާސީ ގަވާއިދުން ލިބޭ ކަމަށެވެ. އެ މަސައްކަތް ޕާޓިގެ ރައީސް ނަޝީދަށް ނުކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހަސަން ވިދާޅުވި އެވެ.
"އެމްޑީޕީގެ އަސާސީ ގަވާއިދުގެ ތެރެއިން އޮވޭ ޕާޓީގެ ރައީސްއަށް އެެހެން ޕާޓީތަކާއި ވާހަކަދެއްކުމުގެ ބާރާއި އެ އިހްތިޔާރު. އެހެންވެ އެމްޑީޕީގެ ރައީސްއަށް އެ މަސައްކަތް ނުކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ޖޭޕީއާ އެކު ވެސް މަޝްވަރާ ކުރަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަށް ކަމަށެވެ. އަދި ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ އެމްޑީޕީ އަށް އެންމެ ރަނގަޅުގޮތް ހޯދައިދިނުމަށް ކަމަށެވެ.
"2018 ގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓެއް ޕްރައިމަރީ އިން އިންތިހާބު ކުރި. އެހެން ނަމަވެސް އެ ކެންޑިޑޭޓެއް ނޫން 2018 ގައި ވާދަ ކުރީ. އެހެންވެ، އެ މެދުތެރޭގައި ހިނގި ވަރަށް ބައިވަރު ކަންކަން އެބަހުރި. އޭރުވެސް ޕާޓީ ތެރެއިން ޝަކުވާއެއް ވެސް ނެތް. އެކަން ހުއްޓުވުމަށް ވެސް އެއްވެސް މަސައްކަތެއް ނުކުރޭ. މިކަންކަން ކުރުމަށް ޕާޓީތެރޭގައި އުސޫލުތަކެއް އެބޮތް. އަޅުގަނޑަށް ނުފެނޭ ރައީސް ނަޝީދު ވެސް އަސާސީ ގަވާއިދާ ހިލާފަށް ކަމެއް ކުރާ ތަނެއް،" ހަސަން ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔަބުވުމުން ރައީސް ނަޝީދު ދަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް އުފައްދަވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.
އެ ފެކްޝަނަށް މިހާތަނަށް 50،000 މެންބަރުން ސޮއިކޮށްފައިވާ ކަމަށް ނަޝީދުގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެކަމުގެ ހެއްކެއް ދެއްކިފައެއް ނުވެ އެވެ.