ރާއްޖެ އަށް ވަގަށް ރަން އެތެރެކުރި އިންޑިއާ މީހަކު 120،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ

ރާއްޖެއަށް ވަގަން ރަން އެތެރެކޮށްފައި ވަނީ އިންޑިއާގެ ހާރިފް މެލަޑެތް އަބޫބަކުރު އެވެ.

އޭނާގެ މައްޗަށް އުފުލީ ރާއްޖެ އަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތުން ހުށަހެޅި ދައުވާގައި ބުނީ ހާރިފްގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާގެ ދެފައި ކަށިމަތީގައި މާސްކިން ޓޭޕް އޮޅައި ތަތްކޮށްފައިވާ ދެ ޕެކެޓު ނަގައި ބެލިއިރު، 2،755 ގްރާމް ރަން ހިމެނޭ މިކްސްޗާއެެއް ހުރި ކަމަށެވެ

އެ ކުށުގެ އަދަބަކީ ސިއްރުން އެތެރެ ކުރި މުދާ ދަޢުލަތަށް ނެގުމަށްފަހު ހަމަހާއި ދެ އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ނުވަތަ 10،000ރ. އާއި 240،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ދައުވާއަށް ޖަވާބުދާރީވަމުން ހާރިފް ބުނެފައިވަނީ އޭނާ އެކަންކުރި ކަމަށް އެއްބަސްވާ ކަމަށާއި، ނަމަވެސް އޭނާ ރަން ގެނައީ އެއީ ކުށެއްކަން ނޭނގި ކަމަށެވެ.

އެ މައްސަލާގައި ގާޒީ ފާއިޒް ރަޝާދު ކުރި ހުކުމްގައި ވަނީ ކަސްޓަމްސް ގާނޫނުގެ ދަށުން ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށް ހާރިފްގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެގޮތުން އަދަބެއްގެ ގޮތުން 120،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ރަސްމީ ބަންދު ނޫން 4 ދުވަސް ތެރޭގައި މީރާއަށް ދެއްކުމަށް އަމުރުކޮށްފައިވެ އެވެ.

ރަންތައް ދައުލަތަށް ނަގާފައި ވަނީ ކަސްޓަމް ގާނޫނުގެ 97 ވަނަ މާއްދާގެ (ރ) އަށް ހަވާލާދިނުމަށް ފަހު އެވެ.