ކާޑޭޝިއަން އައިލާގެ ތެރޭގައި ހިނގާ އެކި ކަންތައް ދައްކުވައިދޭ ރިއަލިޓީ ޝޯ، "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް" 14 އަހަރަށް ފަހު ހުއްޓާލަން ނިންމައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ ކިމް ކާޑޭޝިއަން އޭނާގެ އިންސްޓަގްރާމްގައިކުރި އަސަރުގަދަ ޕޯސްޓަކުންނެވެ.

ކީޕިންގް އަޕް ވިތް ދަ ކާޑޭޝިއަން އަކީ ކިމް ކާޑޭޝިއަން އާއި އޭނާގެ އާއިލާގެ އެހެން މެމްބަރުން ކަމަށްވާ ކައިލީ ޖެނާ، ކްލޯއީ، ކޯޓްނީ އަދި ކެންޑެލް މަޝްހޫރު މީހުންނަށް ބަދަލުކޮށްލާ، ފެޝަން އާއި ބިއުޓީ ވިޔަފާރީއަށް އެމީހުން ނެރެދިނުމުގައި ވެސް އިސް ދައުރެއް އަދާކޮށްފައިވާ ޝޯ އެކެވެ. މި ޝޯގެ ވަދާއީ ސީޒަން ދެއްކުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ ކުރީކޮޅުގަ އެވެ.

މި ޝޯ ހުއްޓާލުމަށް ނިންމި ސީދާ ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް އީ! އިން ނެރުނު ބަޔާނެއްގައިވާ ގޮތުން ކާޑޭޝިއަން އާއިލާ އިން އެ މީހުންގެ ކެމެރާތަކާއި ނުލާ ދިރިއުޅެން ނިންމި ނިންމުމަށް އިހުތިރާމުކުރާ ކަމަށެވެ. ފާއިތުވެ ދިޔަ އަހަރުތަކުގައި އެ އާއިލާގެ ގިނަ މެމްބަރުން ވަނީ ޝޯ ގައި ބައިވެރިވުމަށް ދެކޮޅު ހަދާފަ އެވެ. އޭގެ ތެރޭގައި ކޯޓްނީ ހިމެނެ އެވެ. ކިމް އަށް ވެސް މިއަހަރަކީ ދިރިއުޅުމުގައި އެތައް އުދަގޫތަކާއި ކުރިމަތިވި އަހަރެކެވެ. ފިރިމީހާ ކާންޔޭ ވެސްޓް އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލުމުން ފެށިގެން ގޮސް އޭނާގެ ނަފްސާނީ ބަލިމަޑުކަމާއި އެއާއި ގުޅިގެން ދިމާވި ކަންތައްތަކުގެ ސަބަބުން އެ ދެމަފިރިންގެ ކައިވެންޏަށް ވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ.

https://www.instagram.com/p/CE5AwirA4Cx/

މި ޝޯ ދެއްކި އަހަރު ތަކުގެ ތެރޭގައި އެ އާއިލާގެ ޕްރޮފެޝަނަލް އަދި ޒާތީ ދިރިއުޅުމުގައި ދިމާވި އެތައް ކަމެއް ދައްކުވައިދެ އެވެ. އެ ގޮތުން ކިމް ކާޑޭޝިއަން އާއި ކްރިސް ހަމްފްރީސް ގެ ކައިވެނި، ޕެރިސްގައި ހަތިޔާރާއި އެކު ކުރި ވައްކަމެއް، ކްލޯއީ ކާޑޭޝިއަންގެ ކައިވެނި ރޫޅުމާއި ބްރޫސް ޖެނާ ކެއިޓްލީން ޖެނާ އަށް ބަދަލުވުން ހިމެނެ އެވެ.

އަންގާރަ ދުވަހު ކިމް، 39، ކުރި އިންސްޓަގްރާމް ޕޯސްޓެއްގައިވާ ގޮތުން މި ޝޯއަށް އަލްވަދާއު ކިޔުމަކީ އާއިލާއަށް ފަސޭހަ ކަމެއް ނޫންކަމަށާއި މި ނިންމުން ނިންމީ ބަރު ހިތަކާއި އެކީ ކަމަށެވެ.

"14 އަހަރު، 20 ސީޒަން އަދި އެތައް ސަތޭކަ އެޕިސޯޑަށް ފަހު މި ޝޯ ނިމުމަކަށް އަންނަ އިރު، މި ޝޯ ބެލި އެންމެންނަށް ޝުކުރު އަދާކުރަން." ކިމް ލިޔެފައިވެ އެވެ.

މީގެ އިތުރުންވެސް ކިމް ވަނީ މި ދިގު ދަތުރުގައި އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ނަން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.