ނަމްބަރު އައިނު އަޅާ މީހުން އެނޫން މީހުންނަށްވުރެ އެތައް ގުނައެއް ތޫނުފިލި ކަމަށް ސައިންސްވެރިން މިފަހުން ހެދި ދިރާސާއަކުން ހާމަވެއްޖެ އެވެ.
ޖަރުމަނުގެ ނޫހަކުން ލޮލުގެ މައްސަލަ ހުންނަ 4،600 މީހުން ބޭނުންކޮށްގެން ހަދާފައިވާ ދިރާސާގައި ބައިވެރިވެފައި ވަނީ އުމުރުން 35 އަހަރާއި 74 އަހަރާއި ދެމެދުގެ މީހުންނެވެ. އެ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން %53 މީހުން ކޮލެޖް ނިންމާފައިވާއިރު އޭގެ ތެރެއިން %24 މީހުން މަތީ ސާނަވީއިން ފާސްވެފައިވެ އެވެ.
މި ނަތީޖާތަކުން އެނގުނީ އައިނު އަޅާމީހުން ކޮލެޖް ނުވަތަ ޔުނިވާސިޓީއަށް ދާ މިންވަރު ގިނަކަމެވެ. މި ދިރާސާ އަށް ބަހުސް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކްލާސް ރޫމުގައި ގިނަ ވަގުތު ހޭދަކުރާ މީހުންގެ ލޮލުގެ ފެނުމަށް މައްސަލަ ޖެހޭކަމަށާއި، އެހެންކަމުން އެމީހުން އައިނު އަޅަން ޖެހޭ ކަމަށެވެ.
އިނގިރޭސި ވިލާތުގެ ކޮލެޖް އޮފް އޮޕްތޮމެޓްރިސްޓްސްގައި ހެދިފައިވާ ދިރާސާއަކުން ދައްކާ ގޮތުން އެޤައުމުގެ ތިންބައިކުޅަ އެއްބައި މީހުން ޤަބޫލުކުރާ ގޮތުގައި އައިނު އަޅާމީހުން ފެންނަ ފެނުމަށް ގަދަރުހުރި ގޮތެއް ހުރެ އެވެ. އަދި %43 މީހުން ޤަބޫލުކުރާ ގޮތުގައި އައިނު އަޅާމީހުން މާބޮޑަށް ވެސް ތޫނުފިއްޔެވެ.
އެހެންކަމުން ހެދިފައިވާ ދިރާސާތަކާއި، ގިނަ މީހުން ބުނެފައިވާ ބުނުންތަކަށް ބަލާއިރު އައިނު އަޅާމީހުން އެހެން މީހުނަށް ވުރެ ދަސްކުރުމާއި، ދެނެގަތުމުގައި ކުރިއަރާފައިވާކަމަށް ޤަބޫލުކުރެވެ އެވެ. އަދި އެމީހަކީ އައިނު އަޅާ މީހަކަށް ނުވިނަމަވެސް ވަޒީފާގެ އިންޓަވިއު އަށް ނުވަތަ ކޯޓަށް ދާއިރު އެމީހަކާއި ގުޅޭ ފްރޭމްގެ އައިނެއް އަޅައިގެން ދިޔުމަކީ ވެސް ތަފާތު ފެނިދާނެ ކަމެކެވެ. މިއީ ބައެއް މީހުން ކުރާ ކަމެއް ވެސްމެ އެވެ.