ބޮލީވުޑްގެ އަރަމުން އަންނަ ތަރި ވަރުން ދަވަންގެ އަންހެނުން ނަތާޝާ ދަލާލް ބަލިވެ އިންކަމުގެ އަޑުތަކެއް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.

މި އަޑުތައް ދައުރުވާން ފަށާފައި މިވަނީ އެ ދެމަފިރިން އެކުގައި ކްލިނިކަކުން ނުކުމެގެން އަންނަނިކޮށް މީޑިއާއަށް ފެނިފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ފެނިލުމުގައި ވަރުން ނޫކުލައިގެ ޓީޝާޓެއްގައި ހުރިއިރު ނަތާޝާ ފެނުނީ ކަޅާއި ހުދުގެ ޑިޒައިނެއް ކުރަހާފައިވާ ހެދުމެއްގަ އެވެ. އެކުގައި އެ ދެ ތަރިން ތިބީ ވަރަށް އާދައިގެ ގޮތަކަށް ހެދުން އަޅައިގެންނެވެ.

ނަތާޝާ ބަލިވެ އިންކަން ނުވަތަ ނޫންކަން އެއްވެސް ފަރާތަކުން އަދި ޔަގީންކޮށްދީފައި ނުވި ނަމަވެސް އެއީ ވުން ވަރަށް ގާތް ކަމެއް ކަމަށް ގިނަ މީހުން އަންނަނީ ބުނަމުންނެވެ.

ވަރުންއާއި ނަތާޝާ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ކައިވެނިކުރިއިރު ވަރުން ވަނީ އޭނާގެ އަންހެނުންނާއި ކައިވެނީގެ ވާހަކަތައް އެކި ފަހަރު މަތިން މީޑިއާއާ ހިއްސާކޮށްފަ އެވެ.

ވަރުންއާ ދާދި އެއްކޮށް ބޮލީވުޑަށް ނުކުތް ގިނަ ތަރިން ވެސް މިހާރު ވަނީ ކައިވެނި ކޮށްފަ އެވެ. އޭގެ ތެރޭގައި ސިދްހާތު މަލްހޯތުރާ އާއި އާލިއާ ބަޓް ހިމެނެ އެވެ. އާލިއާއަށް ވަނީ މިފަހުން ދަރިއަކު ވެސް ލިބިފަ އެވެ.