ނުކުޅެދުންތެރިކަމަކީ އެކި މީހުންނަށް އެކި މާނައިގައި ދޭހަވާ ކަމެކެވެ. އެއްބަޔަކަށް އެއީ ހަޔާތުގެ މުހިއްމު ކަންކަމުން މަހްރޫމް ކުރުވާ ކަމެއް ކަމުގައި ބެލެވޭއިރު އަނެއްބައި މީހުންނަކީ ހުރި ނުކުޅެދުންތެރިކަމާއެކު ވެސް ދެންތިބި މީހުންނަށް މިސާލު ދައްކަމުން އަންނަ މީހުންނެވެ.

ބްރެޒިލްއަށް ނިސްބަތްވާ ނަނިލްޒާ ސިލްވާއަކީ ވެސް އެގޮތުން ހުރި މިސާލެކެވެ. ދެ އަތް ނެތް ކަމުގައި ވިޔަސް އޭނާ އަންނަނީ ދިރިއުޅުމުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

ކުޑައިރު ކަރަންޓުގައި ޖެހި ލިބުނު ޒަހަމްތަކާއެކު ދެއަތް ބުރިކޮށްލަން ޖެހުމަކީ އޭނާގެ ހަޔާތް ނިމުމަކަށް އައިފަދަ ކަމެކެވެ. އެއީ ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރަ ވެސް އަމާޒުވި ކަމެކެވެ.

https://fb.watch/jO_pm0497P/?mibextid=Nif5oz

އެހެން ނަމަވެސް އެ ފުރައްސާރަތަކަށް ބެލުމެއް ނެތި އޭނާ ވަނީ އެކި ކަހަލަ ކުޅިވަރު ކުޅެން ފަށައި އެންމެ ފަހުން ޕެރަލިމްޕިކް މުބާރާތުން ވެސް ޖާގަ ހޯދާފަ އެވެ.

ހަމައެއާއެކު އޭނާފަދަ މީހަކާ ކައިވެނިކޮށް ނަނިލްޒާއަށް މިހާރު ވަނީ ދަރިއަކު ވެސް ލިބިފަ އެވެ. ދަރިފުޅުގެ ނެޕީ ބަަދަލު ކުރުމާއި ކާންދިނުމާއި ފެންވެރުން ފަދަ ކަންކަން ވެސް ކުރަނީ ހުދު އޭނާ އަމިއްލައަށެވެ.

ނަނިލްޒާ ބުނީ އޭނާއަށް ނުކުރެވޭ މަދު ކަންކަމުގައި އެހީތެރިވުމަށް ފިރިމީހާ ވެންޑާސަން އަބަދުވެސް ކައިރީގައި ހުންނަ ކަމަށެވެ. އަދި އެއީ އޭނާއަށް ލިބޭ ހިތްވަރު ކަމަށްވެސް އޭނާ ބުނެ އެވެ.

ނަނިލްޒާއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި މިސާލެކެވެ. ނުކުޅެދުންތެރިކަން ހުރުމަކީ ދިރިއުޅުން ނިންމާލަން ނުޖެހޭ ކަމުގެ ނަމޫނާ އެކެވެ.

https://fb.watch/jO_pm0497P/?mibextid=Nif5oz