އައްޑޫ ސިޓީގައި 19 މީހަކަށް މީސަލްސް ވެކްސިން ދީފި އެވެ.
އައްޑޫ އިން ހިމަބިހި ނުވަތަ މީސަލްސް ފެނުމާ ގުޅިގެން އެޗްޕީއޭއިން އަންނަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެޗްޕީއޭއިން ކުރިއަށް ގެންދިޔަ ކޮމިއުނިޓީ ސާވޭގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިނުވާ 19 މީހަަކަށް ވެކްސިން ދީފައިއެވެ. އަދި ވެކްސިން ފުރިހަމަ ކޮށްފައިވާކަމުގެ ރެކޯޑް ނެތް މީހުންނަށްވެސް ރިންގް ވެކްސިނޭޝަން ވަނީ ކުރިއަށްގެންގޮސްފަ އެވެ.
އައްޑުއިން ހިމަބިހި ފެނުމާ ގުޅިގެން 65 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނު ނަމަވެސް އެއްވެސް މީހެއްގެ ގައިންވެސް ބަލީގެ އަލާމާތެއް ނުފެން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައި އެވެ.
އަދި މީސަލްސް އަށް ޕޮޒިޓިވްވި ކުއްޖާއާ ކޮންޓެކްޓުވި މީހުންގެ ގޮތުގައި ދެނެގަނެވިފައިތިބި މީހުންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިތިބި މީހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައި އެވެ.
އެޗްޕީއޭއިން ކުރިއަށް ގެންދިޔަ ކޮމިއުނިޓީ ސާވޭގައި 41 މީހެއްގެ މައުލޫމާތު ސާފުކޮށްފައިވެއެވެ. އޭގެ ތެރޭގައި 16 ގެއަކާއި އެއް ފިހާރަ ހިމެނެއެވެ. ސާވޭއަށް ފަހު 19 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ.
މި ބަލި ރާއްޖެއިން ދެވަނަ ފަހަރަށް ފެނިފައި ވަނީ ދޮޅު އަހަރު ފަހުންނެވެ. ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަމުގެ އެވޯޑް 2017 ވަނަ އަހަރު ވަނީ ރާއްޖެއާ ހަވާލުކޮށްފަ އެވެ.