ސީޓު ދަށުން ވިހަގަދަ ހަރުފައެއް ފެނުމާއެކު ދެކުނު އެފްރިކާގެ މަތންދާ ބޯޓެއް އެމަޖެންސީގައި ޖައްސައިފި އެވެ.

ހަތަރު މީހުންގެ ޖާގައިގެ އެ ކުޑަ މަތިންދާ ބޯޓުގެ ޕައިލެޓްކަން ކުރަމުން ދިޔަ ރޮޑޮލްފް އިރެސްމަސް ސިހުނީ އޭނާގެ އުނަގަނޑުގައި އެއްޗެއް ކޭއްތޭހެން ހީވެގެންނެވެ.

އިތުރު ސިހުމެއް އޭނާއަށް ގެނުވީ އޭނާގެ ގައިގައި އެ ޖެހުނީ ވިހަގަދަ ކޯބްރާ ހަރުފައެއްކަން އެނގުނު ހިސާބުންނެވެ. އެއާއެކު އޭނާ ވަނީ އޭނާއާއެކު ދަތުރު ކުރަމުން ދިޔަ އެހެން މީހުންގެ ސަމާލުކަމަށް އެކަން ގެނެސް އެއާ ޓްރެފިކް ކޮންޓްރޯލަށް ވެސް ހަބަރުކޮށްފަ އެވެ.

އެއަށްފަހު އޭނާ ވަނީ ސެންޓްރަލް އެފްރިކާގެ ވެލްކޮމް ސިޓީގެ އެއާޕޯޓަށް އެމަޖެންސީގައި މަތިންދާ ބޯޓު ޖައްސާފަ އެވެ. އެއާއެކު އެމަޖަންސީ ރެސްޕޮންސް ޓީމާއި ހަރުފަ ގެންގުޅޭ މާހިރުން ވަނީ އެ މަތިންދާ ބޯޯޓު ރަނގަޅަށް ބަލާފަ އެެވެ.

ދެ ދުވަސް ވަންދެން ބެލި ބެލުމުން ވެސް އެމީހުންނަށް އެބޯޓުން އެއްވެސް ހަރުފައެއް ފެނިފައެއް ނުވެ އެވެ. އެއްވެސް މީހަކަށް ނުފެނި މަތިންދާ ބޯޓު ދޫކޮށް އޭތި ދިޔައީ ކަމެއް ވެސް ޔަގީނެއް ނޫނެވެ.

ހަރުފަ ނުފެނުމުން އިރެސްމަސްއަށް ޖެހުނީ އޭނާ ކުރަމުން ދިޔަ 90 މިނެޓުގެ ދަތުރު އަލުން ފަށާށެވެ. މަތިންދާ ބޯޓުގައި ހަރުފަ ނެތްކަން ޔަގީން ނުކުރެވި އެވެ.

އެހެން ކަމުން ދެން ކުރި ދަތުރުގައި އޭނާ ހުރީ ހަރުފަ އަލުން ފެނިއްޖެ ހާލަތެއްގައި އޭތި މަރާލާނެ ސަލާމަތީ ފިޔަވަޅުތައް އަޅައިގެންނެވެ.