ތިލަ މާލެ ބްރިޖްގެ ޑެކްގެ މަސައްކަތް މާލެ ފަޅިން ފަށާފައިވާ ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ބްރިޖްގެ އެކި މަސައްކަތްތައް އެކި މަރުޙަލާގައި ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލެ ފަޅިން އެއްގަމުގައި ޖަހާ ތަނބުތަކުގެ މައްސަކަތުގެ ބޮޑު ބައި ނިންމައި މިހާރު މައި ޑެކްގެ މަސައްކަތް މާލެ ފަޅީގައި ފަށާފައިވާ ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ބްރިޖްގެ މައި ޑެކް ނުވަތަ ސުޕަ ސްޓްރަކްޗާގެ މަސައްކަތް ކުރަމުން އަންނަނީ ގުޅީފަޅުގައި ގާއިމުކޮށްފައިވާ ބްރިޖްގެ މައި ސައިޓުގައި ކަމަށެވެ. އަދި އެ މަސައްކަތާއި ބްރިޖްގެ ތަނބުތަކުގެ މަސައްކަތް ނިމެމުންދާ ވަރަކަށް ޑެކް ގުޅާލުމުގެ މަސައްކަތް ކުރަމުންދާނެ ނޭޝަނަލް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބްރިޖް ގުޅީފަޅުގެ އެއްގަމާއި ގުޅޭ ހިސާބުގައި ޖަހަންޖެހޭ ތަނބުތަކުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން މާލެ ފަޅިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި މި ސަރަޙައްދުގެ ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ދެ ތަނބެއްގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ ބްރިޖްގެ މުހިއްމު ގިނަ މަސައްކަތްތަކެއް މިވަގުތު ވިލިމާލެ ފަޅިން ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވިލިމާލެ ފަޅިން ބްރިޖަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.
ހަމައެއާއެކު ވިލިމާލޭގެ މޫދުން ތިލަ ސަރަހައްދުތަކުގައި ތަނބުތައް ޖެހުމަށް ބޭނުންވާ ވަގުތީ ޕްލެޓްފޯމް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާއިރު، ބޮޑު މަސައްކަތެއްގެ ގޮތުން ވިލިމާލެ ސަރަޙައްދުގައި ކަނޑުގައި ޖަހާ ހަ ތަނބެއް ކަނޑަށް ފެއްތުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ގްރޭޓަ މާލޭ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައި ވަނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ.
ބްރިޖްގެ ގިނަ މަސައްކަތް ކުރަމުން އަންނަނީ ގުޅީފަޅުގައި ގާއިމުކޮށްފައިވާ އެފްކޯންސްގެ ސައިޓުގަ އެވެ. މިގޮތުން ތަނބުތަކާއި ބްރިޖްގެ މައި ސްޓްރަކްޗާގެ އެކި ބައިތައް ވަކިވަކިން ހެދުމަށްފަހު ގެންދަން ޖެހޭ ސަރަޙައްދަކަށް ގޮސް އިންސްޓޯލް ކުރުމަށް ވަނީ ނިންމާފަ އެވެ.