އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ޢިސްމާއީލް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރު ދެއްވައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފައްޔާޒު ފޮނުވި މެސެޖެއްގައި ވަނީ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން ކުރިއަށް އޮތް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިވަނީ މާދަމާ އޮންނަ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒަށް ވޯޓު ނުދިނުމަށް އެދި ޕާޓީގެ މެންބަރުންނަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން ބޭފުޅުން ގުޅުއްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ.
"ޕާޓީގެ އިސް ސަފުގައި ތިބި ބޭފުޅުން އެމްޑީޕީއަށް ގުރައިދޫ ދާއިރާގެ ގޮނޑި ގެއްލުވާލުމަށް ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުންނަށް ގުޅައި ޕާޓީގެ ޓިކެޓަށް ވޯޓު ނުދިނުމަށް ކުރާ މަސައްކަތް އެންމެ ހަރުކަށި ބަހުން ކުށްވެރިކުރަން،" ފައްޔާޒު ފޮނުވި މެސެޖެއްގައިވެ އެވެ. ފައްޔާޒު ވިދާޅުވީ، ޕާޓީ ފުނފުނޑުކޮށްލަން ނަޝީދު ފެކްޝަނުން ކުރާ މަސައްކަތް މިހާރު އޮތީ "އެހެން ހިސާބެއްގައި" ކަމަށެވެ.
އަދި ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ، އެ ބަޔަކާ މެދު ފިޔަވަޅު އަޅަން ފަސްނުޖެހޭނެކަމަށްވެސް ފައްޔާޒު ފޮނުވި މެސެޖުގައިވެ އެވެ.
މާދަމާ އޮންނަ ގުރައިދޫ ދާިއރާގެ ބައި އިލްކްޝަންގެ ކެމްޕެއިން މިއަދު ނިންމާލިއިރު އެދާއިރާގައި އެމްޑީޕީން ބާއްވަން ނިންމި ބައެއް އިވެންޓުތައް ވަނީ ކެންސަލް ކޮށްފަ އެވެ.
އަދި ރައީސް ނަޝީދުގެ ފެކްޝަނުން އެމްޑީޕީގެ ކެންޑިޑޭޓަ ދެކޮޅަށް ؛މަސައްކަތް ކުރާ ކަމަށް ދާއިރާއިން މައުލޫމާތު ލިބިފައިވެ އެވެ.