ހިންދޫ ދީނުގެ ސަގާފަތެއް ކަމަށް ބުނެ މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅުވައިގެން ގދ. ފިޔޯރީގައި މީހުންގެ ގަޔަށް ކުލަ ޖެހުން މަނާކޮށްފި އެވެ.

ފިޔޯރީ ކައުންސިލްގެ 57 ވަނަ އާންމު ޖަލްސާގައި ނިންމާފައި ވަނީ ފިތުރު އީދުގެ ވެސް އެއްވެސް ހަރަކާތަކާ ގުޅުވައިގެން ކުލަ ޖެހުމަކީ މަނާ ކަމެއް ކަމަށެވެ.

އެ ކައުންސިލުން ބުނީ އެފަދަ ކަންކަމަކީ މާތް ވެގެންވާ އިސްލާމް ދީނާ ދުރު ހިންދޫ ދީނުގެ މީހުން ކުރަމުންދާ ކަމެއް ކަމަށެވެ.

ކުލަ ޖެހުމަކީ ފިޔޯރީގެ ގިނަ ރައްޔިތުންތަކެއް ވަރަށް ބޮޑަށް ނަފުރަތުކުރާ ކަމެއް ކަމަށް ފާހަގަވެފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

އެ ގޮތަށް ފާސްކޮށްފައި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ. އީދުގައި މީހުންގެ ގަޔަށް ފެން ޖެހުމާއި ކުލަ ޖެހުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އާންމުކޮށް ކުރާ ކަމެކެވެ.