މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، ހާއްސަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައި، ހާއްސަ އިނާމާބެހޭ އުސޫލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ސާއިއު ކުރައްވައިފި އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ އެކެއް ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައި ވަނީ ހަތަރު ގިންތިއަކުންނެވެ. އޭގެ ތެރޭގައި ހިމެނޭ ފުރަތަމަ ގިންތިއަކީ، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތި އެވެ.

މި ގިންތީގައި ހިމެނެނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި، މަތީ ތައުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒަކުންދޭ އެންމެ މަތީ ޝަރަފު ލިބޭ ފަރާތްތަކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިނާމު މި އަހަރު ދެއްވާ ދެވަނަ ގިންތިއަކީ، ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތި އެވެ.

ތިންވަނަ ގިންތިއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތި އެވެ.

ހާއްސަ އިނާމު މި އަހަރު ދެއްވާ ހަތަރުވަނަ ގިންތިއަކީ، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތި އެވެ. މި އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ހާއްސަ އިނާމު މިއަހަރު ދެއްވާނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.