އެމްޕީއެލްއިން އާންމުކޮށްފައިވާ މިދިޔަ ޖޫން މަހުގެ އެއާ ކާގޯ އެކްސްޕޯޓްގެ ތަފާސްހިސާބުތަކާއި އެއާލައިންތަކުގެ ރެކޯޑުތަކާ ދިމާނުވާ ކަމަށް، ރާއްޖޭގައި އެންމެ ގިނަ އެއާލައިންގެ އެޖެންޓުކަން އޮންނަ އޭސް ޓްރެވަލްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.
އެމްޕީއެލްގެ "ސީ ޓު އެއާ ކާގޯ" ރެކޯޑުތަކުން ދައްކާ ގޮތުގައި ޖޫން މަހު ގަތަރު އެއާވޭސް، ޓާކިޝް އެއާލައިންސް، އެމިރޭޓްސް އަދި ސައުދިއާ ފަދަ އެއާލައިންތަކުން އިޓަލީ، އެމެރިކާ، ޖަރުމަނު އަދި ފްރާންސް ފަދަ ގައުމުތަކަށް ބޭރުކޮށްފައި ވަނީ 335 މެޓްރިކް ޓަނުގެ މުދަލެވެ. ނަމަވެސް ފިރާގު ފާހަގަކުރެއްވި ގޮތުގައި އެންމެ އެއާލައިނަކުން ބޭރުކުރި އަދަދު އެކަނި ވެސް 398 ޓަނަށް އަރާއިރު، ރާއްޖޭގައި ހަރަކާތްތެރިވާ އެހެން ހުރިހާ ފްރެއިޓް ފޯވާޑަރުންނާއި އެއާލައިންތަކުގެ ޖުމްލަ އެކްސްޕޯޓް އެއްކޮށްލުމުން ސަރުކާރުގެ އަދަދަށް ވުރެ މާ މަތިވާނެ އެވެ.
ކާގޯ ދާއިރާގެ އިތުބާރު ހުރި މަސްދަރުތަކުން ލަފާކުރާ ގޮތުގައި ހަގީގީ އެކްސްޕޯޓްގެ މިންވަރު މަދުވެގެން 600 އާއި 700 ޓަނާ ދެމެދުގެ އަދަދަކަށް އަރާނެތީ، މިގޮތަށް އަދަދުތައް އޮޅުވާލާފައި ވަނީ ހެންޑްލިން ފީއަށް މަކަރު ހެދުމުގެ ބޭނުމުގައި ކަމަށް ބެލެވެ އެވެ. އެހެންކަމުން އެއާޕޯޓުން ބޭރުވި މުދަލުގެ ސައްހަ އަދަދު ކަށަވަރު ކުރުމަށްޓަކައި މި ތަފާސްހިސާބުތައް އަލުން މުރާޖައާ ކުރަން އޭނާ ވަނީ ގޮވާލައްވާފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ އެކްސްޕޯޓް ދާއިރާ ކުރިއަރުވަން ބޭނުންނަމަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އަގުތައް ބައިނަލްއަގުވާމީ ބާޒާރުގައި ވާދަވެރި ފެންވަރެއްގައި ހިފަހައްޓަން ޖެހޭނެ ކަމަށް ފިރާގު ވިދާޅުވި އެވެ. ރާއްޖެއަށް މިހާރު ކާގޯގެ ފައިދާ ލިބެނީ މި ސަރަހައްދުގެ އެހެން ގައުމުތަކުގެ އޯވަފްލޯ ޓްރެފިކްގެ ސަބަބުން ކަމަށް ވާއިރު، ވާދަވެރި އެހެން މަންޒިލްތަކުން ދަނީ އެމީހުންގެ ކެޕޭސިޓީ ފުޅާކުރަމުންނެވެ.
ނަމަވެސް ރާއްޖޭގެ ވިސްނުން ހުރީ ދިމާ އިދިކޮޅަށް ކަމަށާއި، ދިގު މުއްދަތުގެ ޕްލޭނެއް ނެތި އެކި ކަހަލަ ޗާޖުތައް ބޮޑުކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ވާދަވެރިކަން ކުޑަވެ މާކެޓް ގެއްލުމުގެ ބިރު އެބައޮތް ކަމަށް އޭނާ ހާމަކުރެއްވި އެވެ. އެހެންކަމުން މިއީ ކަމާބެހޭ ހުރިހާ ފަރާތްތަކުން ސީރިއަސްކޮށް ވިސްނައި، ދާއިރާގެ ކުރިމަގަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅަންޖެހޭ ވަގުތެއް ކަމަށް ފިރާގު ފާހަގަކުރެއްވި އެވެ.
އޭވިއޭޝަން މުވައްޒަފުންނަށް ހާއްސަކޮށް ފްލެޓް އަޅަނީ
"ދަ ވެމްޕަޔާ ޑައިރީސް"ގެ ތަރި އިއާންގެ އާ ދިރިއުޅުން!