ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ " ދަ ކަޕިލް ޝަރްމާ ޝޯ" އަނެއްކާ ވެސް ވަގުތީ ގޮތުން ހުއްޓާލަން ނިންމައި އެކަން އިއުލާން ކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ޝޯ މެދުކަނޑާލަން ސޮނީ ޓީވީއިން ނިންމާފައި ވަނީ ޝޯގެ ޕްރެޒެންޓަރު ކަޕިލް ޝަރްމާ އޭނާގެ އާއިލާއާއެކު އިތުރު ވަގުތު ހޭދަކުރަން ބޭނުންވާތީ އާއި އޭނާގެ އެހެން މަސައްކަތްތަކަށް ވަގުތު ދޭން ބޭނުންވާތީ އެވެ.

މީގެ އިތުރުން މި މެދުކަނޑާލުމަކީ ޝޯގެ ޕްރޮޑަކްޝަންއަށް ވެސް ފައިދާ ކުރާނެ ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ޝޯގެ ތަރިން ބަދަލު ކުރުމާއި ފޯމެޓް ބަދަލުކޮށް ރަނގަޅު ކުރަން ޕްރޮޑަކްޝަން ޓީމަށް ވަގުތު ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

ވަގުތީ ގޮތުން ކަޕިލް ޝަރްމާ ޝޯވ މެދުކަނޑާލުމުގެ ކުރިން ދައްކާ އެންމެ ފަހުގެ ޝޯވ އޮންނާނީ އަންނަ ޖޫން މަހު ކަމަށް ހަބަރުތައް ބުނެ އެވެ.

ހަފްތާ ބަންދުގައި ސޮނީ ޓީވީއިން ދުރަށް ދައްކާ އެ ޝޯއަކީ ބޮލީވުޑްގެ ގިނަ ތަރިންތަކެއް މެހެމާނުންގެ ގޮތުގައި އައިސް އެ ތަރިންގެ ކުރިއަށް ހުރި މަސައްކަތްތައް ޕްރޮމޯޓު ކުރާ ޝޯއެކެވެ.

ކަޕިލްއާއި އޭނާގެ އެކުވެރިންގެ ހެއްވާ މަޖާ ވާހަކަތަކާއެކު އެ ޝޯ ވެފައި ވަނީ އާއްމުންގެ މެދުގައި ވަރަށް މަގުބޫލު އަދި ހިނގާ ޝޯއަކަށެވެ.

މިއީ ކަޕިލް ޝަރްމާ ޝޯ މެދުކަނޑާލާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން މިދިޔަ ދެ އަހަރު ވެސް ޝޯ މެދުކަނޑާލިއިރު، އެފަހަރު އޭގެ ސަބަބަކަށްވެފައި ވަނީ ކަޕިލްގެ ސިއްހީ ހާލަތެވެ.

މިފަހަރުގެ މެދުކެނޑުމަށްފަހު ޝޯ އަލުން އެނބުރި އަންނާނެ ތާރީހެއް ޝޯގެ ޕްރޮޑަކްޝަން ޓީމުން އަދި ހާމަކޮށްފައެއް ނުވެ އެވެ.