އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން އިއްޔެ ރިޓަޔަރ ކުރެއްވި ޑރ. އަބްދުﷲ ފައިރޫޝްގެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ޝުކުރު އަދާ ކުރައްވައިފި އެވެ.

އެމަނިކުފާނު ފައިރޫޝާ ބައްދަލުކުރައްވާ ޝުކުރު އަދާކުރެއްވީ ރިޓަޔާ ކުރެއްވުމުގެ ކުރިން ފުލުހުންގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށް އިތުބާރު ހުރި މަސްދަރަކުން "ހުރިހާ"އަށް ކަށަވަރު ކޮށްދީފައިވެ އެވެ.

ފައިރޫޝާ ބައްދަލުކުރައްވާ ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި 20 އަހަރު އެ އިދާރާއަށް ކޮށްދެއްވާފައިވާ ޚިދުމަތަށް ޝުކުރާއި ތައުރީފު ރައީސް ސޯލިހު އަދާކުރެއްވި އެވެ. އަދި ފައިރޫޝް ރިޓަޔާ ކުރައްވަން މާ އަވަސް ކަމަށާއި ފައިރޫޝްގެ ޚިދްމަތް ގައުމަށާއި ފުލުހުންގެ އިދާރާއަށް ވަރަށް މުހިއްމު ކަމަށް ވިދާޅުވި ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ރައީސް ސާލިހު ފައިރޫޝްއަށް ޝުކުރު އަދާކުރައްވާފައިވާއިރު ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވެސް ވަނީ ފައިރޫޝްގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކޭކު ފަޅުއްވާ ނަންގަވާފައިވާ ފޮޓޯތައް ފުލުހުންގެ ޓުވިޓާ އެކައުންޓުން ވަނީ ޓުވީޓު ވެސް ކޮށްފަ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ އިސްފަރާތްތަކާއި ބައެއް ސަޕޯޓަރުންދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވެސް ނުރުހުން ފާޅުކޮށް ޓުވީޓު ކުރެއްވި އެވެ.

ފައިރޫޝްއަކީ ފެބްރުއަރީ 7 ގެ "ބަޣާވާތުގެ" ބައިވެރިއެއް ކަމަށްބުނެ އެމްޑީޕީގެ އިސްބޭފުޅުންނާއި އަދި ސަޕޯޓަރުން އަބަދުވެސް އިނގިލި ދިއްކުރާ ބޭފުޅެކެވެ. އަދި އެމްޑީޕީ އިދިކޮޅުގައި އޮތްއިރު ސޯޝަލް މީޑިއާގައި އޭނާއަށް ފުރައްސާރަކޮށް އެމްޑީޕީގެ އެކްޓިވިސްޓުންނާއި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުން އެކިހަލަ ވާހަކަތައް ވެސް ދައްކާފައިވެ އެވެ.

ނަމަވެސް ފެބްރުއަރީ 7ގެ "ބަޣާވާތުގައި" ފާޅުގައި ޙަރަކާތްތެރިވި އާދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހުންނެވީ އެމްޑީޕީ ސަރުކާރުން އައްޔަން ކުރެއްވި ހޯމް މިނިސްޓަރުގެ މަގާމުގަ އެވެ. އަދި އެމަނިކުފާނަށް ރުހުންދެއްވީ ބަޣާވާތް ތަހުގީގުނުކޮށް ދޫކޮށްނުލާނެ ކަމަށް އަޑު އުފުއްލަވާ އެމްޑީޕީގެ މަޖިލިސް މެމްބަރުންނެވެ. ދާދި ފަހުން އިދިކޮޅު ފަރާތްތަކުން އިމްރާންގެ ތާއީދުނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ވެއްދުމުން އެމްޑީޕީން ވަނީ ޢިމްރާނަށް އިތުބާރު އޮތް ކަމަށް ނިންމާފަ އެވެ.