ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ފެންނަ ޓޯކް ޝޯވ "ކޮފީ ވިތު ކަރަން" އާ ސީޒަންއަކާއެކު އެނބުރި އަންނަން ތައްޔާރު ވެފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރް ހުށައަޅައިދޭ މި ޝޯގެ އާ ސިޒަންގެ ފުރަތަމަ މެހްމާނުންނަށް ވާނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މި ހަބަރަކީ ތެދު ހަބަރަކަށް ވާނަމަ އެ ވެގެން ދާނީ ކައިވެންޏަށްފަހު ރަންބީރާއި އާލިއާ އެކުގައި ރަސްމީ އިންޓަވިއު އަކުން ފެންނަ ފުރަތަމަ ފަހަރަށެވެ.

ރަންބީރު ކޮފީ ވިތު ކަރަންއަށް އަރަން އެއްބަސްވެފައި މިވަނީ އެ ޝޯއަށް ނާރާނެ ކަމަށް މީގެ ކުރިން ބުނެފައި އޮއްވަ އެވެ. ރަންބީރު ވަނީ ޝޯވގެ މެހްމާނުން ބޭނުންކޮށްގެން އޭގެ ޕްރޮޑިއުސަރުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ބުނެފަ އެވެ.

ކޮފީ ވިތު ކަރަންއަކީ މީގެ ކުރިން ވަރަށް މައްސަލަ ބޮޑު ޝޯއެއްގެ ގޮތުގައި ބެލެވިފައި އޮތް ޝޯ އެކެވެ. އެ ޝޯގައި ދެކެވުނު ބައެއް ވާހަކަ ތަކުގެ ސަބަބުން ދޭދޭ ތަރިންގެ މެދުގައި މައްސަލަ ޖެހިފައިވެސް އެބަހުއްޓެވެ.

ކަން މިހެން އޮތް ނަމަވެސް ކޮފީ ވިތު ކަރަންއަކީ ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތަކާއި ތަރިންގެ ޒާތީ ދިރިއުޅުމުގެ ވާހަކަތައް ގެނެސްދޭ ޝޯއަކަށް ވުމުން ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ޝޯ އެކެވެ.