އެމެރިކާގެ ލިވަޕޫލްގައި ދިރިއުޅޭ އުމުރުން 51 އަހަރުގެ އެމޭންޑާ ޖޭމްސަންއަކީ ހަކުރު ބަލީގެ ބަލި މީހެކެވެ. އޭނާއާއެކު އޭނާގެ ގޭގައި ދިރިއުޅެމުން އައީ އޭނާގެ ބައިވެރިޔާ 57 އަހަރުގެ ރޭ ޝޭރްވުޑްއާއި އޭނާ ގެންގުޅޭ އޮޅު ބުޅަލެއް ކަމަށްވާ ވިލޯ އެވެ.

އެއް ރެއަކު ނިދަން އޮށޯތުމަށްފަހު އެމޭންޑާގެ ހަބަރު ހުސްވީ މާ ބޮޑަށް ހަކުރު ދަށްވެގެންނެވެ. ތަފާތު ކަމެއް ފާހަގަ ވެގެން ވިލޯ ވަނީ ޓީވީ ކުރިމަތީގައި ނިދިފައި އޮތް ރޭގެ ފައިގައި ދަތްއަޅާ ހޭލައްވާފަ އެވެ.

ރޭ ބުނި ގޮތުގައި އެއީ ވިލޯގެ މިޒާޖަށް ބަލާއިރު ތަފާތު ކަމެކެވެ. ދަތްއަޅާ ހޭލެއްވުމަށްފަހު ވިލޯ ވަނީ ރޭއަށް އެމޭންޑާގެ ކޮޓަރީގެ މަގު ދައްކައި ކަމެއް ވެގެން އުޅޭ ކަމުގެ ހަބަރު ދީފަ އެވެ.

ރޭ އެމޭންޑާއަށް ގޮވައި ބެލިއިރު އޭނާގެ ހަބަރެއް ނެތް ކަމަށާއި އެހެން ކަމުން އަވަހަށް ހޮސްޕިޓަލަށް ގެންދަން އަވަސްވެގަތީ ކަމަށް ނޫހެއްގައި އޭނާ ބުނެފައިވެ އެވެ.

އެމޭންޑާގެ ފުރާނަ އެރޭ ސަލާމަތްވީ ވިލޯގެ ހުޝިޔާރު ކަމުން ކަމަށާއި ވިލޯ ރޭއަށް ނުގޮވި ނަމަ އެމޭންޑާ ސަލާމަތް ކުރަން އުނދަގޫވީސް ކަމަށް ޑޮކްޓަރުން ބުންޏެވެ.

ވިލޯގެ މި މަސައްކަތް ފާހަގަކޮށް އެމެރިކާގެ ނެޝަނަލް ކެޓް އެވޯޑްސްއިން ވަނީ ވިލޯއަށް ހާއްސަ އެވޯޑެއް ދޭން ނިންމާފަ އެވެ.