އެކެއްގެ ނަން މަތީ ސިމް ނެގޭ ލިމިޓެއް ކަނޑައަޅައި، ސިމް ކާޑު ރެގިޔުލޭޓުކުރުމަށް އެކުލަވާލަމުން އަންނަ ގަވާއިދު 15 ދުވަހުގެ ތެރޭގައި ނިންމައި ގެޒެޓުކުރަން ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީން ނިންމި ނިންމުން މަޖިލީހުގެ ތަޅުމުން ވެސް މިއަދު ފާސްކޮށްފި އެވެ.

އެކެއްގެ ނަންމަތީ ސިމް ނެގޭ ލިމިޓެއް ކަނޑައަޅަންޖެހޭކަން އެސްއޯއީ ކޮމިޓީއަށް ފާހަގަވީ ސްކޭމް ކޯލްތައް އިތުރުވާ މައްސަލައާއި، ބޭންކު އެކައުންޓުތަކުން ފައިސާ ވަގަށް ނެގުމުގެ މައްސަލަ އެ ކޮމިޓީން ދިރާސާ ކުރުމުންނެވެ. އެ ރިޕޯޓު ކޮމެޓީން ފާސްކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ރިޕޯޓު މަޖިލީހުން ފާސްކުރީ 45 މެންބަރުންގެ ވޯޓާ އެކު އެވެ. ބޭންކު އެކައުންޓުތަކުގެ ވެރިފަރާތަށް ނޭނގި އެކައުންޓުން ފައިސާ ކެނޑޭ މައްސަލާގައިި ކޮމެޓީން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގައި ބޭނުން ކުރާ ފޯނު ނަންބަރުތަކަކީ ރަޖިސްޓްރީކޮށްފައިވާ ނަންބަރުތަކެއްކަން ކަށަވަރުކޮށް އަދި ނަންބަރުތަކުގެ ވެރިފަރާތް ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ގާއިމް ކުރަން ކޮމިއުނިކޭޝަންސް އޮތޯރިޓީ އަށް އެންގުމަށް ނިންމާފައިވެ އެވެ. އެގޮތުން މަޖިލީހުން ރިޕޯޓު ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި ސިމް ކާޑުގެ އެކްސެސް ވަކި އަދަދަކަށް ލިމިޓު ކުރުމަށާއި، ސިމް ކާޑު ރެގިއުލޭޓު ކުރުމަށް ކޭމް އިން އެކުލަވާލަމުން އަންނަ ގަވާއިދު އެކުލަވާލައި 15 ދުވަހުގެ ތެރޭގައި ގެޒެޓު ކުރަން އެންގުމަށް ކޮމިޓީގެ ރިޕޯޓްގައި ލަފާދީފައިވެ އެވެ.

ކަސްޓަމަރުންގެ ހައްގުތަކަށް ހީނަރުކަން ނާންނާނެހެން ބޭންކުތަކުގެ އެތެރޭގެ ސިޔާސަތުތައް ކުރިއަށް ވުރެ ހަރުދަނާކޮށް، އެ ސިޔާސަތުގެ ދަށުން މަކަރާއި ހީލަތް ހުއްޓުވައި ތަހުގީގު ކުރުމާއި ރިޕޯޓުކުރުން ހަރުދަނާ ކުރުމަށް ބީއެމްއެލް އަށާއި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އަންގަން ވެސް ފާސްކޮށްފައިވެ އެވެ.

އޭގެ އިތުރުން ޖަލުގައި ހިންގާ ކުށްތައް ނުވަތަ ސްކޭމުތައް ހުއްޓުވަން ގަވައިދާ ހިލާފަށް ޖަލަށް ތަކެތި ވެއްދުން ކޮންޓްރޯލުކުރުމަަށް ނިޒާމުތައް ހަރުދަނާކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އެންގުމަށް އެ ރިޕޯޓްގައި ލަފާދީފައިވެ އެވެ.

ސްކޭމް ކޯލުތަކާއި އެހެން ވަސީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ހައްލުކުރުމަށް މަލްޓި އެޖެންސީ ޓާސްކުފޯހެއް އެމްއެމްއޭގެ އިސްނެގުމުގެ މަތިން އުފައްދައި އިދާރާތައް ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމެއް 15 ދުވަހުގެ ތެރޭގައި އަންގަން ވެސް ލަފާދީފައިވެ އެވެ.