ޕްލާސްޓިކް ކޮތަޅުން ފީ ނެގުން އިސްތިސްނަވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ފާސްނުކޮށް ރައްޔިތުންގެ މަޖިލިސް މިއަދު ޗުއްޓީ އަށް ހިނގައްޖެ އެވެ.
ސަރުކާރުގެ ފަރާތުން ކުނި މެނޭޖްކުރުމުގެ ގާނޫނަށް ދެވަނަ ފަހަރަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު އެވެ. ސަރުކާރުން ބުނީ މި އިސްލާހު ފާސްވުމުން، ކޮތަޅުގެ އަގު ބޮޑުވެގެންދިޔަ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.
ސަރުކާރުން އިސްލާހު ހުށަހެޅި އިރު ކޮތަޅުގެ އަގު ބޮޑުވެ ކޮތަޅަކަށް ދެރުފިޔާގެ ފީއެއް ނަގަން ޖެހެ އެވެ. ކޮތަޅުގެ އަގުވަނީ ހަ ރުފިޔާއަށް އުފުލިފައި އެވެ.
ސަރުކާރަށް ތާއީދު ކުރައްވާ ގިނަ މެންބަރުން ބޭނުންފުޅުވީ މި ދައުރު ނިމުމުގެ ކުރިން އެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ނިންމާލުމަށެވެ. އެހެންވެ އެމްޑީޕީން ރައީސް އިބްރާހީމް މުހައްމަދު އަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ބަހުސް ކުރުކުރެއްވި އެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މިސެޝަންގައި މިބިލަށް ވޯޓަށް އަހަން އެމްޑީޕީގެ މެމްބަރުން ވެސް ބޭނުން ނުވާނެ ކަމަށެވެ. އަދި އެއްވެސް މެމްބަރަކު ބަަހުސްކުރުކުރުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ ބިލު މިއަދު ކޮމެޓީއަށް ފޮނުއްވާނެ ކަމަށް ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެބިލު ކޮމެޓީއަށް ފޮނުވާފައެއް ނުވެ އެވެ.
އެބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރިއަށް ނުގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި ވެސް ވިދާޅުވީ މި މައްސަލައަކީ ސަރުކާރުން ކިތަންމެ ބޭނުންވިޔަސް އަވަސް ކޮށްލައިގެން ނިންމޭނެ މައްސަލައެއް ނޫން ކަމަށެވެ.