ޒަމާންތަކަށް ފަހު މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އާސަހަރާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހަތަރު ވަނަ ދައުރުގެ ކައުންސިލުން ނިންމީ ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާސަހަރާ މަރާމާތުކުރުގެ މަސައްކަތް ކުރުމަށް ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 99 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ. މި ޖަލްސާގައި މަރާމާތު ކުރަން ނިންމާފައިވަނީ އާސަރާގެ އަންހެނުން ނަމާދު ކުރާ ސަރަހައްދު ބޮޑު ކުރުމަށާއި އަދި ސަރަހާއަށް ގޮސް ތިބޭ މީހުން މަޑުކޮށްލާނެ "ވެއިޓިން އޭރިއާ" އެއް ގާއިމު ކުރުމަށެވެ.

މިކަން ކުރުމަށް ކުރަންޖޭހޭ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތްތަކާ ގުޅޭ ތަފްސީލް މާލެ ސިޓީގެ މޭޔަރު ޑރ މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ.

ބުރާސްފަތި ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ މޭޔަރު ވިދާޅުވީ އާސަހަރާ ބަލަހައްޓާ ފަރާތަކީ ކައުންސިލުން ކަމަށް ވާއިރު، ކައުންސިލުން ރައްޔިތުންނަށް ދޭން ޖެހޭ ސަމާލުކަންދީ ސަހަރާ ރަނގަޅަށް އަޕްގްރޭޑް ކުރެވިގެން ދާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ސަހަރާ ތަރައްގީކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައި ވަނީ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެން ބޭފުޅުންނަށް ހާއްސަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ހިތާމަވެރި ވަގުތުގައި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާއަކާ އެކުގައި ކަމަށް މޭޔަރު ތަފުސީލް ކޮށްދެއްވި އެވެ.

"ސަހަރާ އަކީ ކޮންމެ އާއިލާއަކަށް އަދި މީހަކަށް ދިމާވާ ހިއްދަތި ވަގުތު ހޭދަކުރާތަން. އެތަން ބަލަހައްޓާ ފަރާތަކީ ކައުންސިލުންކަމަށް ވާއިރު، ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ސަމާލުކަންދީ ސަހަރާ ރަނގަޅަށް އަޕްގްރޭޑް ކުރެވިގެން ދާން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެގޮތުން އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެން ބޭފުޅުންނަށް ހާއްސަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އެތައް ޒަމާންތަކެއް ވަންދެން ކައުންސިލް ހިނގަމުން އައި ނަމަވެސް އާ ސަހަރާއޮތީ އަޅާނުލާ ދޫކޮށްލެވިފައި ކަމަށާއި، އެތަން މަރާމާތުނުކޮށް ހުރުމުގެ ސަބަބުން އެތައް އާއިލާތަކަށް ލިބޭ އެންމެ ހިތްދަތި އަދި ހިތާމަވެރި ވަގުތުގައި އުޅެންޖެހިފައިވަނީ ދަތި ހާލުގައި ކަމަށެވެ.

އާސަހަރާގެ މަރާމާތާއި ގުޅިގެން މޭޔަރު އިތުރަށް ވިދާޅުވީ މިކަން ކުރަނީ މިހާރު ހުރި އިމާރާތުގެ މައްޗަށް ބައެއް އިތުރުކޮށްގެން ކަމަށާއި، މީހުން ވަޅުލާފަވާ ސަރަހައްދު ކޮނުން ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެށޭ ހަފްތާގައި އިއުލާނު ކުރާނެކަމުގެ ޔަގީންކަން މޭޔަރު ވަނީ ދެއްވާފަ އެވެ.

އާސަހަރާ މަރާމާތު ކުރުމަށް ނިންމާފައިވާއިރު، މާލެ ސިޓީ ކައުންސިލާއި ނަސޭހަތް ޖަމިއްޔާ ގުޅިގެން މާލެ ސިޓީގައި ކުރިއަށް ގެންދާ ރިވެތި އިރުޝާދު ދޭ ބޯޑު ހަރުކުރުމުގެ މަސައްކަތުގެ ދަށުން އާސަހަރާގައި ވަނީ ބޯޑު ވެސް ހަރުކޮށްފަ އެވެ.

މީގެ އިތުރުން ކަށުނަމާދާއި ގުޅޭ މައުލޫމާތާއި މައްޔިތާގެ މައްޗަށް ކުރެވިދާނެ ދުއާތަކާއި ދީނީ އިރުޝާދު ފޯރުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލާއިނަސޭހަތް ޖަމިއްޔާ ގުޅިގެން ފުރަތަމަ ފަހަރަށް އާ ސަހަރާގައި ވަނީ ސްކްރީން ވެސް ހަރުކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި އެ ނޫން ވެސް ތަންތަނުގެ އާބާތުރަ ފިލުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ހަތަރު ވަނަ ދައުރުގެ ކައުންސިލުން ދަނީ ކުރަމުންނެވެ.