ބޮލީވުޑްގެ ތަރި ސަލްމާން ޚާނާއި ބަތަލާ ކެޓްރީނާ ކައިފް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޓައިގާ 3" އަށް 35 ކްރޯޑް ރުޕީސްގެ ސެޓެއް ހަދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ޓައިގާ 3" އަށް 35 ކްރޯޑް ރުޕީސްގެ ސެޓެއް ހަދާފައިވަނީ މި ފިލްމުގައި ހާއްސަ ފެނިލުމެއްގައި މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން ފެނިގެންދާ މަންޒަރުތައް ނެގުމަށެވެ.
މި މަންޒަރުތައް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ނަގާ ނިންމާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ސަލްމާންގެ "ޓައިގާ 3" ގެ ހާއްސަ ފެނިލުމަކުން ޝާހުރުކް ފެނިގެންދާއިރު މި އަހަރު ނެރުނު ޝާހްރުކާއި ދީޕިކާ ޕަދުކޯން އަދި ޖޯން އަބްރަހަމް ލީޑުން ފެނުނު "ޕަތާން" ފިލްމުން ސަލްމާންގެ ހާއްސަ ފެނިލުމެއް ވަނީ ފެނިފަ އެވެ.
ކެޓްރީނާ އާއި ސަލްމާންގެ އިތުރުން އެމްރާން ހާޝިމީ ވެސް ފެނިގެންދާ އެ ފިލްމު ތިން ބަހަކުން ނެރޭނެ އެވެ. އެއީ ހިންދީ އާއި ތަމަޅަ އަދި ތެލޫގޫ އެވެ.
ޔަޝްރާޖް ފިލްމްސް އިން އުފައްދާ "ޓައިގާ 3" ނެރުމަށް ތައްޔާރުވާއިރު މީގެ 10 އަހަރު ކުރިން "އެކްތާ ޓައިގާ" ނަމުގައި މި ފިލްމުގެ ފުރަތަމަ ބައި ވަނީ ނެރެފަ އެވެ. އަދި "ޓައިގާ ޒިންދާ ހޭ" ގެ ނަމުގައި ފިލްމުގެ ދެވަނަ ބައި ރިލީޒްކުރީ 2017 ގަ އެވެ.