ގާނޫނު އިސްލާހުކޮށްގެން ވިޔަސް ލޯކަލް ކައުންސިލް އިންތިޚާބު ވީހާވެސް އަވަހަށް ބޭއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ރައްޔިތުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ އެމްޑީޕީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ ކައުންސިލު އިންތިޚާބު ބާއްވަން އެންމެ ފުރަތަމަ ކަނޑައެޅި މާޗު މަހުގެ ހައެއްގައި އިންތިޚާބު ނުބޭއްވޭނެކަން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ކަށަވަރު ކޮށްދެއްވާފައި ވަނިކޮށެވެ.

ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައި ވަނީ ކައުންސިލް އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ކައުންސިލު އިންތިޚާބު އަވަސްކުރަން ގާނޫނަށް ބަދަލެއް ގެންނަންޖެހޭ ނަމަ އެ ބަދަލުވެސް ގެންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމީ މިދިޔަ އޭޕްރީލް ހަތަރުވަނަ ދުވަހު ކުރިން ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ވަނީ ފަސްކޮށްފަ އެވެ. އަދި ކައުންސިލް އިންތިޚާބާ ގުޅޭ ވަގުތީ ގާނޫނެއް ފާސްކޮށް ރައީސް ވަނީ ތަސްދީގުކުރައްވައިފަ އެވެ. އެ ގާނޫނުގައިވާ ގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެ އެވެ.

ޝަރީފު "ހުރިހާ"އަށް އިއްޔެ ވިދާޅުވީ ކައުންސިލު އިންތިޚާބު ބޭއްވުމަށްޓަކައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަންޖެހޭ ކަމަށެވެ.

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުހުލަތު އިތުރުކުރުމަށް ނިންމައި، ފެބްރުއަރީ މަހާ ހަމައަށް ޞިއްޙީ ކުއްލި ނުރައްކާ ދަންމައިލުމަށް ސަރުކާރުންވަނީ ނިންމާފައެވެ. މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ ޖަނަވަރީ މަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ނުނިމޭނަމަ، ކައުންސިލު އިންތިޚާބު ތާވަލުކުރި ތާރީޚުގައި ބާއްވަން ދަތިވާނެ ކަމަށެވެ.

ކައުންސިލު އިންތިޚާބު ފަސްކޮށްފައިވަނީ ގާނޫނު އަސާސީއަށް އިސްލާހެއް ގެނެސް އެއިރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމައި، ސަންސެޓް ގާނޫނެއް ފާސްކޮށްގެންނެނެވެ.