ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ އެންމެ ފަހު ފިލްމު "ލާލް ސިންގް ޗައްދާ" އަށް ބޮކްސް އޮފީހުގައި ތަރުހީބެއް ނުލިބުމުން އޭނާ ވަނީ ފިލްމީ މަސައްކަތުން ބްރޭކެއް ނެގުމަށް ނިންމައިފަ އެވެ. އެހެން ނަމަވެސް މީޑިއާގައި އާމިރު އާ ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެ ރިޕޯޓްކޮށްފައިވެ އެވެ.

ހަމަ އެހެންމެ އޭނާ ބޭނުން ވަނީ ދެވަނަ ފަހަރަކަށް ވެސް އެނބުރި އަންނައިރު ތަފާތު ފިލްމެއް ބެލުންތެރިންނަށް ގެނެސްދިނުމެވެ.

އެގޮތުން ފިލްމެއްގެ މަސައްކަތް ފެށުމުގެ ކުރިން އާމިރު ވަނީ މެޑިޓޭޝަން ޕްރޮގުރާމެއްގައި ބައިވެރިވުމަށް ނޭޕާލަށް ގޮސްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ޕްރޮގްރާމްއަކީ 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ނިންމާލުމަށް ފަހު 2008 އަހަރުގެ ކާމިޔާބު ފިލްމް ފިލްމު "ގަޖިނީ" ސީކްއެލްއެއް ހެދުމުގެ މަސައްކަތް އާމިރު ފެށުމަށް ވަނީ ނިންމައިފަ އެވެ.

"ގަޖްނީ"އަކީ ސައުތު އިންޑިއާ ފިލްމެއްގެ ހިންދީ ރިމޭކެކެވެ. އެހެންކަމުން މީގެ ދެވަނަ ބައެއް އުފެއްދުމާ ގުޅޭގޮތުން ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ އައްލޫ އަރަވިންދް އާއި ގީތާ އާޓްސްއާއެކު ހައިދަރުއާބާދުގައި އާމިރު ވަނީ ބައްދަލުކޮށް މަޝްވަރާ ކޮށްފަ އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމުގައި އާމިރާ އެކީ ބަތަލާއިންގެ ރޯލުން ފެނިގެން ގޮސްފައި ވަނީ 2013 ގައި ދަންޖެހިގެން މަރުވި ޖިއާ ޚާނެވެ.

މީގެ އިތުރުން އާމިރު ވަނީ ޝާހްރުކް ޚާނާއި ސަލްމާން ޚާނާއެކު ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. މި ފިލްމާ ބެހޭ ގޮތުން މާބޮޑު ތަފްސީލެއް އަދި ނުލިބެ އެވެ.