ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅި މައްސަލައިގައި ރައީސްގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔަކަށް ހުންނެވި އަބްދުﷲ އިބްރާހީމްގެ އެއްވެސް އިހުމާލެއް އެކަމުގައި ނެތް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މޮޓޯކޭޑް އަށް ބަޔަކު ހުރަސް އަޅަ ހުއްޓުވު މައްސަލާގައި އަބްދުﷲއަށް ފިޔަވަޅު އަޅައި މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އެވެ. އޭރު އޭނަ ހުންނެވީ ކާނަލް ރޭންކްގަ އެވެ. ނަމަވެސް މިހާރު އޭނާ ވަނީ ބްރިގޭޑިއާ ޖެނަރަލް ރޭންކަށް ކުރިއެރުން ލިބިފަ އެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމައްސަލަ ތަހުގީގު ކުރުމަށް އެމްއެންޑީއެފްގެ ތެރޭގައި އޮންނަ ޕްރޮސީޖާގެ ތެރެއިން އޭނާ މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުން އެކަހެރިކުރި ކަމަށެވެ. އަދި އެއީ ސިފައިންގެ ވަޒީފާއާ ބެހޭ ގަވާއިދުގެ ދަށުން އެޅި ފިޔަވަޅެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކާ ޒިންމާއިން އެކަހެރި ކުރީ އެފަދަ ކަންކަމުގެ އިންކުއަރީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުވެރިކަމާއެކު ހިންގުމަށް ކަމަށް އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިމައްސަަލަ މިހާތަނަށް ބެލި ބެލުމުން ކޮމާންޑިން އޮފިސަރުގެ އެއްވެސް އިހުމާލެއް ނެތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުން ސަސްޕެންޑް ކުރުމުން ވަގުތީ ގޮތުން އެ ޒިންމާ ހަވާލު ކުރެއްވީ މޭޖަ އިބްރާހިމް ހަލީމްއާ އެވެ.

އެމްއެންޑީއެފް އިން މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ވަނީ ފަށައިފަ އެވެ. އަދި ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑަރުގެ އިތުރުން އޭނާގެ ދަށަށް މަސައްކަތް ކުރާ އެހެން އޮފިސަރެއް ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އެ މައްސަލަ ތަހުގީގު ކުރާ ކޮމެޓީގެ ޗެއާއަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.