ރާއްޖޭގެ ނޮމިނަލް ޖީޑީޕީ ފުރަތަމަ ފަހަރަށް 100 ބިލިއަން ރުފިޔާއިން މައްޗަށް މިއަހަރު އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓަރު އަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިގުތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާއެކު ވެސް އިގްތިސާދީ ކުރިއެރުން ހޯދުމަށް ސަރުކާރުން ގެންގުޅޭ މެކްރޯ އިކޮނޮމިކްގެ ސިޔާސަތުތައް ރަނގަޅު ކަމުގެ ހެއްކި ފެންނަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރު ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 100 ބިލިއަން ރުފިޔާއިން މައްޗަށް އަރާނެ ކަމަށް މިނިސްޓަރު އަމީރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު އަމީރުގެ ޓުވީޓްގައި އެކި ތަފާސްހިސާބުތައް ހިއްސާކޮށްފައިވެ އެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ ރަނގަޅުވުމާއި އަދި ގުޅުންހުރި އެހެން ދާއިރާތަކުން އިގްތިސާދީ ގޮތުން ކުރިއެރުން ހޯދަމުން ދާތީ ރާއްޖޭގެ ޖީޑީޕީ 9.6 އިންސައްތަ ކުރިއެރުމެއް ލިބޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ ނޮމިނަލް ޖީޑީޕީ ހުރީ 81 ބިލިއަން ރުފިޔާގަ އެވެ. މިހާރު މި އަދަދު ވަނީ 107 ބިލިއަން ރުފިޔާ އަށް އުފުލިފަ އެވެ. ޖީޑީޕީ މިވަނީ 26 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އަމީރު ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ މި އަހަރު އަންނާނެ ކަމަށް ލަފާ ކުރި ފަތުރުވެރިންގެ އަދަދު މިހާރު އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އޮކްޓޯބަރުން ފެށިގެން ރާއްޖެ އަށް މިއަހަރު 1.81 މިލިއަން މީހުން އަންނާނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ މިހާރު ލަފާ ކުރެވެނީ ރާއްޖެ އަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު 1.93 މިލިއަނަށް އަރާނެ ކަމަށް،" އަމީރު ވިދާޅުވި އެވެ.
ޖީޑީޕީ އިތުރުވާ މިންވަރަކީ ގައުމެއްގެ އިގްތިސޯދީ ކުރިއެރުން ދެނެގަންނަން އެންމެ އާއްމު ގޮތެއްގައި ބޭނުން ކުރާ މިންގަނޑެވެ. ޖީޑީޕީ ދެގޮތަކަށް ދައްކަ އެވެ. އެއް ގޮތަކީ "ނޮމިނަލް ޖީޑީޕީ" ނުވަތަ ޖީޑީޕީ އެ އަހަރެއްގެ އަގުން ދެއްކުމެވެ. ދެވަނަ ގޮތަކީ "ރިއަލް ޖީޑީޕީ" ނުވަތަ ޖީޑީޕީ ދާއިމީ އަގުން ދެއްކުމެވެ.