ކުޑައިރު މައިން ބަފައިންނާ ވަކިވެ އޭގެ އެތައް އަހަރެއް ފަހުން އެމީހުންނާ ބައްދަލު ވުމަކީ އާއްމުކޮށް ފިލްމުތަކުން ފެންނާނެ ފަދަ ހާދިސާ އެކެވެ.
އެހެން ނަމަވެސް ސައޫދީ އަރަބިއާގެ ވެރިރަށް ރިއާދަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ތުރްކީ ޚާލިދު އަލް ސުނައިދަށް މިއީ އޭނާގެ ހަޔާތުގެ ހަގީގަތެކެވެ.
ސުނައިދު ބުނި ގޮތުގައި އޭނާގެ މައިންބަފައިންގެ ކައިވެނި ރޫޅި މަންމައާ ވަކި ކުރެވުނު އިރު އޭނާގެ އުމުރުން ވާނީ ގާތްގަނޑަކަށް ހަތަރު އަހަރެވެ. އޭގެ ފަހުން ވީ އަހަރު ތަކުގައި މިސްރަށް ނިސްބަތްވާ އޭނާގެ މަންމަގެ އެއްވެސް ހަބަރެއް އޭނާއަކަށް ލިބިފައެއް ނުވެ އެވެ.
މައިންބަފައިންގެ ކައިވެނި ރޫޅުމަށްފަހު ބައްޕައާއެކު ދިރިއުޅެމުން އައި ސުނައިދުގެ އުމުރުން 16 އަހަރުގައި ބައްޕަ ނިޔާވުމުން އާއިލާގެ އެހެން މީހެއްގެ ކައިރިއަށް ބަދަލުވުމަށްފަހު އުމުރުން 28 އަހަރުގައި މީހަކާ އިންނަންދެން އޭނާ އުޅުނީ އެމީހާގެ ކައިރީގަ އެވެ.
ކުޑައިރު ވަކިވި މަންމައާ އަލުން ބައްދަލު ކުރުމުގެ އުއްމީދުގައި އޭނާ އަމިއްލައަށް މިސްރަށް ގޮސް އެ ގައުމުގައި ހުންނަ ސައޫދީގެ އެމްބަސީގެ އެހީއާއެކު ސުނައިދަށް ވަނީ އޭނާގެ މަންމަ ފެނިފަ އެވެ.
ސުނައިދު ބުނީ މަންމައާ ބައްދަލު ވުމަކީ ހުވަފެނެއް ކަމަށާއި އެކަމުގައި އޭނާއަށް އެހީތެރިވި މިސްރާއި ސައޫދީގެ އިދާރާތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
މިސްރުގެ އިސްކަންދަރިއްޔާގައި ދިރިއުޅޭ ސުނައިދުގެ މަންމަ އަބީރު ހަނަފީ ބުނީ ފާއިތުވި 30 އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން އޭނާގެ ދަރިފުޅާ ބައްދަލު ކުރަން މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އޭނާގެ ކުރީގެ ފިރިމީހާގެ އާއިލާއިން އެކަމަށް ހުރަސް އަޅާފައިވާ ކަމަށެވެ.
މަންމައާ ބައްދަލު ވުމަށްފަހު ސުނައިދު ބުނީ މަންމަ ސައޫދީ އަރަބިއާއަށް ގެންދިއުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެކަން ވަންދެން މިސްރަށް އޭނާ ޒިއާރަތް ކުރާނެ ކަމަށެވެ.
"ފާއިތުވި 30 އަހަރުގެ ފަޅުކަން މަންމައަށް ފިލުވައިދޭން އަހަރެން ބޭނުން. މަންމަ ފެނުމުން އަހަރެންގެ ހަޔާތް ފުރިހަމަވި ފަދަ"، ސުނައިދު ބުނެފައިވެ އެވެ.