ހަ އަހަރު ވަންދެން ކޭލާ އުންބެހައުންގެ އާއިލާގެ މެމްބަރުން ހުއްޓުމެއް ނެތި އޭނާއަށް ހޯދި އެވެ. އާއްމުންގެ އެހީއަށް އެދި އެމެރިކާގެ އެތައް ތަނެއް ބެލި އެވެ.

ގެއްލިގެން ހޯދާތާ ހަ އަހަރު ފަހުން މިހާރު އުމުރުން 15 އަހަރުގެ ކޭލާ ފެނުނީ އެމެރިކާގެ ނޯތު ކެރޮލީނާގައި އުޅެނިކޮށެވެ. ފެނުނުއިރު ސިއްހަތު ސަލާމަތުން ހުރި ކަމަށް ހަބަރުތައް ބުނެ އެވެ.

މީގެ ހަ އަހަރު ކުރިން އޭރު އުމުރުން ނުވަ އަހަރުގެ ކޭލާ ގެއްލުނީ އޭނާގެ އުފަން އިލިއޮނޮއިސްގައި އުޅެނިކޮށެވެ. އާއިލާގެ އެންމެންވެސް ޝައްކުކުރީ އާއިލާއާ ވަކިވެފައިވާ ކޭލާގެ އުފަން މަންމަ އޭނާ ވަގަށް ނެގީ ކަމަށެވެ.

2017 ވަނަ އަހަރު ކޭލާގެ މައިންބަފައިންގެ ކައިވެނި ރޫޅުމާއެކު އޭނާގެ ފުރިހަމަ ބެލެނިވެރިކަން ލިބުނީ އޭނާގެ ބައްޕައަށެވެ. މަންމައަށް ކޭލާއާ ބައްދަލު ކުރެވެނީ އެހެން މީހެއްގެ ހާޟިރުގަ އެވެ.

ކޭލާއާ ބެހޭގޮތުން އެތައް ޑޮކިއުމެންޓްރީއެއް ހެދިފައިވާއިރު އޭނާ ހޯދުމުގައި ވެސް އެއިން ޑޮކިއުމެންޓްރީއެއް ވަނީ އެހީވެދީފަ އެވެ. ހަ އަހަރު ފަހުން ކޭލާ ހުންނާނެ ގޮތް ފެންނަ ނެޓްފްލިކްސްގެ ސީރީޒް ބެލި މީހަކު ވަނީ ފިހާރައެއްގެ ތެރެއިން އޭނާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ.

އެއާއެކު ކޭލާގެ މަންމަ ހެދާ އުންބެހައުން ހައްޔަރު ކުރެވުނުއިރު ޖުލައި މަހަށް އެ މައްސަލައިގެ އަޑުއެހުމެއް ވަނީ ތާވަލު ކުރެވިފަ އެވެ.

ދަރިފުޅު ސަލާމަތުން ގެއަށް އެނބުރި އައުމާއެކު ކޭލާގެ ބައްޕަ ވަނީ ކޭލާ ހޯދުމުގައި އެހީތެރި ވެދިން އެންމެންނަށް އެކަމުގެ ޝުކުރު އަދާކޮށްފަ އެވެ.