ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި މީހަކު މަރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ) އާ ދެކޮޅަށް ހެކީގެ ގޮތުގައި ސީސީޓީވީ ފުޓޭޖާއި އިތުރު ހެކި ހުރިކަން ހާމަވެއްޖެ އެވެ.

ގައްބަރޭގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ބޭއްވި މުއްދަތު މަޖިލީހުގައި ފުލުހުން ވަނީ އޭނައާ ދެކޮޅަށް ސީސީޓީވީ ފްޓޭޖް ކުރިކަން ހާމަކޮށްފަ އެވެ.

ގައްބަރޭ މިއަދު ފުލުސް އޮފީހަށް ހާޒިރުވީ ގަސްތުގައި މީހަކު މަރާލަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން އޭނާ ހޯދަން އިއުލާން ކުރިތާހަފުތާއެއް ފަހުންނެވެ. އޭނާ ހާޒިރުވުމާއެކު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.

ފުލުހުން އޭނާ ހައްޔަރު ކުރީ، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ފަތިހު ގަލޮޅު ހަބީބީ ކެފޭ ތެރެއިން މަރުތޭލަކުން ޒަރީރަށް ވަނީ ހަމަލާދީފަ އެވެ. އެ މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު މީގެކުރިން ވަނީ ހައްޔަރުކޮށްފަ އެވެ.

ގައްބަރޭގެ ބަންދުގެ މުއްދަތު އިތުރުކޮށް ނެރުނު އަމުރުގައި ވަނީ ކުށަށް ތުހުމަތުކުރެވޭ ވަރުގެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.

އޭނާގެ ބަންދަށް 30 ދުވަސް ޖެހީ ބަންދުން ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

ގައްބަރޭގެ ވަކީލުން ވަނީ އޭނާގެ ދިފާއުގައި ތެދުވެފަ އެވެ. އެގޮތުން ވަކީލުން ވިދާޅުވީ ގައްބަރޭގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިނުވާ ކަމަށެވެ. ނަމަވެސް ގާޒީ ނިންމެވީ ގައްބަރޭ ބަންދުގައި ބެހެއްޓޭ މިންވަރަށް ފުލުހުންގެ ފަރާތުން ހެކި ހުށަހަޅާފައިވާ ކަމަށެވެ.

އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅީ ހެކީންގެ ބަޔާންތަކާއި ސީސީ ޓީވީ ފުޓޭޖްގެ ސްނެޕްޝޮޓާއި އަނިޔާ ލިބުނު މެމްބަރު ޒަރީރުގެ މެޑިކޯ ލީގަލް ރިޕޯޓާއި ފޮޓޯތަކުގެ އިތުރުން އިންޓަލިޖެންސް ރިޕޯޓެވެ.

ގައްބަރޭ އަކީ މީގެކުރިން ވެސް މީހަކު މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މީހެކެވެ.