ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތަސް، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން، ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބާއްވަން އަންނަ ބުދަދުވަހަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިން އެ ޖަލްސާ އެޖެންޑާކޮށްފައި ވަނީ ބުދަ ދުވަހުގެ ރޭ 8:30 އަށެވެ.

އެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ލޯކަލް ކައުންސިލްތަކުގެ ޚާއްސަ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލެވެ.

ނިޔާޒު ވިދާޅުވީ އެ އިސްލާހަކީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާނުލައި، އިންތިޚާބު ބޭއްވޭނެ ގޮތް މަގުފަހި ކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

ނިޔާޒު ހުށައަޅުއްވާފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނުގެ ހަތް ވަނަ މާއްދާ އިސްލާޙު ކުރުމަށެވެ.

އެގޮތުން ސިއްހީ ކުއްލި ނުރައްކަލު ހާލަތު އުވާ ނުލެވުނަސް ކައުންސިލް އިންތިޚާބު ބޭއްވޭނެގޮތައް ގާނޫނު އިސްލާހުކުރުމަށާއި އަދި ގާނޫނު ތަސްދީގުކުރާތާ ހަތް ދުވަސް ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަންވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގައިވާ ގޮތުން އިންތިހާބު ބޭއްވޭނީ އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ. އަދި އެ ގާނޫނު ފާސް ކުރާތާ އަހަރެއް ތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެ މުއްދަތު މެއި މަހުގެ 9 ވަނަ ދުވަހަށް ހަމަވާނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް އިއްޔެ ވިދާޅުވީ، މިހާރު ގާނޫނުގައި ބުނާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވުން އެއީ ނުވާނެ ކަމެއް ކަމަށާއި، ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބުގެ ޚާއްސަ ގާނޫނަށް އިސްލާހުތަކެއް މި ޖަނަވަރީ މަހު ގެނެވި، އިސްލާހުތަކަށް އަމަލުކުރަން ފެށިއްޖެނަމަ ލޯކަލް ކައުންސިލް އިންތިހާބު ތިނެއް އޭޕްރީލްގައި ބޭއްވޭނެ ކަމަށެވެ.