އިންޑިއާގެ ސަރުކާރު އޮފިޝަލެއްގެ ފޯނު ކޯރެއްގެ ފެންގަނޑަށް ވެއްޓުމުން އެ ފޯނު ނެގުމަށްޓަކައި ކޯރުގެ ފެންގަނޑު ހިންދާލައިފި އެވެ.

ސެންޓްރަލް އިންޑިއާގެ ކެރްކަޓާގައި ހިނގި މި ހާދިސާގައި ފެންގަނޑު އުފުލުން ހުއްޓުވުމަށް ބިނާކޮށްފައިވާ "ޑޭމް" އަކުން ދެ މިލިއަނަށްވުރެ ގިނަ ލީޓަރުގެ ފެން ވަނީ ތިން ދުވަހުގެ ތެރޭގައި ޕަމްޕު ކޮށްފަ އެވެ.

މި މައްސަލާގައި ފުޑް އިންސްޕެކްޓަރެއް ކަމަށްވާ ރާޖޭޝް ބިސްވާސްއަށް ވަނީ އޭނާގެ މަގާމުން ސަސްޕެންޑުކޮށް މައްސަލަ ބަލާ ނިމެންދެން ގޭގައި ހުރުމަށް އަމުރުކުރެވިފަ އެވެ.

ބިސްވާސް ބުނީ ފެންގަނޑަށް ވެއްޓުނު ފޯނުގައި ސަރުކާރުގެ ސިއްރު މައުލޫމާތު ހުރި ކަމަށާއި ފެންގަނޑު ހިންދާލުމަށް ސަބް އިންސްޕެކްޓަރެއްގެ ހުއްދަ ނަގާފައިވާނެ ކަމަށެވެ.

ހަބަރުތައް ބުނާ ގޮތުގައި ބިސްވާސްގެ ސެމްސަންގް ފޯނު ފެންގަނޑަށް ވެއްޓުނީ އެ ފެންގަނޑު ކައިރީގައި ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގަ އެވެ.

ތިން ދުވަސް ވަންދެން ފެން ހިންދުމަށްފަހު ފޯނު ނެގުނު ނަމަވެސް ފޯނަށް ފެން ވަދެފައިވާތީ އެ ފޯނު އިތުރަށް ބޭނުން ކުރެވޭ ވަރު ނުވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.