1947 ވަނަ އަހަރު ހިނގި އިންޑޯ ޕާކިސްތާން ހަނގުރާމައަކީ އެސަރަހައްދުގައި ދިރިއުޅުނު އެތައް ހާސް އާއިލާއެއްގެ ދިރިއުޅުން ބަދަލުކޮށްލި ހަނގުރާމަ އެކެވެ. ގުޅިފައި އޮތް އިންޑިއާ ދެގައުމަކަށް ބައިވެ އެތައް އާއިލާއެއް ވެސް ވަނީ ބައިބައިވެފަ އެވެ.
އެގޮތުން ވަކިވި އެއް އާއިލާއަކީ މިހާރު އުމުރުން 81 އަހަރުގެ މަހިންދްރަ ކައުރްއާއި އޭނާގެ ކޮއްކޮ އުމުރުން 78 އަހަރުގެ ޝައިޚް އަބްދުލް އަޒީޒްގެ އާއިލާ އެވެ.
އިންޑިއާ ޕާކިސްތާން ޕާޓިޝަންއާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި އަޒީޒް ޕާކިސްތާނަށް ހިޖުރަކުރި އިރު މަހިންދްރައާއި އާއިލާގެ އެހެން މެމްބަރުން ތިބީ އިންޑިއާގަ އެވެ.
ދެބެއިން ވަކިވިތާ 75 އަހަރު ފަހުން މި އަހަރުގެ ތެރޭގައި އެދެބެއިން އަލުން ވަނީ ބައްދަލުވެފަ އެވެ. ދެބެއިން އަލުން ބައްދަލުވީ މަހިންދްރައާއި އާއިލާ ޕާކިސްތާނުގެ އަތްދަށުގައި އޮތް ކަރްތާރްޕުރްއަށް ދިޔަ ދަތުރެއްގެ ތެރެއިންނެވެ.
މަހެންދްރައާއި އަޒީޒުގެ އާއިލާއަށް އެދެބެއިންގެ ގުޅުން އެނގިގެން ދިޔައީ އެ އާއިލާގެ ވަކިވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އޮތް ޕޯސްޓަކުންނެވެ.
70 އަހަރަށްވުރެ ގިނަ އަހަރު ފަހުން އެއްބަނޑު އެއްބަފާ ކޮއްކޮއާ ބައްދަލު ވުމުން މަހެންދްރަ ވަނީ ލޮލުން ކަރުނަ ފޫދިފައިވާ ހާލު އަޒީޒުގެ ގައިގައި ބައްދާލާފަ އެވެ.
މި ތާރީހީ ބައްދަލުވުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ އެ ދެބެއިންނަށްޓަކައި އުފާކުރާ ކަމަށް ބުނަމުންނެވެ.