ކޮސޯވޯގެ ސުލަހަ ބެލެހެއްޓުމަށް ގޮސް ތިބި ނޭޓޯގެ ޓީމުގެ މެމްބަރުންނަށް ކޮސޯވޯގެ ސާބިއާ ދަރިކޮޅުގެ މީހުން ހަމަލާދީ 20 މީހުން ޒަޚަމް ކޮށްލައިފި އެވެ.

މައްސަލަ ދިވާގެން އުޅެނީ ކޮސޯވޯގެ ދެކުނުގެ ސާބުންގެ މެޖޯރިޓީ އޮންނަ ސިޓީއެއްގެ މޭޔަރަކަށް އަލްބޭނިޔާ ދަރިކޮޅުގެ ބޭފުޅަކު އިންތިޚާބު ވުމުންނެވެ.

މޭޔަރުގެ ދިފާއުގައި ހަރަކާތްތެރިވަމުން ގެންދިޔަ ސުލްހަ ބަލަހައްޓާ ޓީމުގެ މެންބަރުންނަށް ހަމަލާދިނީ އިންތިޚާބު ބަލައިނުގަނެ މުޒާހަރާކޮށް ޓައުން ހޯލަށް ވަންނަން މަސައްކަތް ކުރަމުން ދިޔަ ސާބިޔާ ދަރިކޮޅުގެ ބައެކެވެ. ޓައުންހޯލް ދޮށުގައި ސާބިއާ ދަރިކޮޅުގެ މީހުން ހަމަނުޖެހުން ހިންގަމުންދާއިރު އަވައްޓެރި ސާބިޔާއިން ވަނީ އެ ގައުމުގެ ސިފައިން ކޮސޯވޯގެ ބޯޑަރު ކައިރިއަށް ޖަމާކޮށް ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.

ކޮސޯވޯގެ ރައީސާ ވްޔޯސާ އުސްމާނީ ވިދާޅުވި ގޮތުގައި ސާބިޔާގެ ސަރުކާރުން ގެންދަނީ ކޮސޯވޯގެ މައްސަލަ އިތުރަށް ގޯސްކުރުމަށް މަސައްކަތް ކުރަމުންނެވެ.

ސާބިއާ ދަރިކޮޅު މީހުން އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް ހަމަނުޖެހުން ހިންގަނީ.

"ކޮސޯވޯގެ މަގުމައްޗަށް ނިކުތް މީހުން ޣައިރު ގާނޫނީ ގޭންގްތަކެއްގެ ގޮތުގައި ހަރަކާތްތެރިވެ ގައުމުގެ ޕޮލިހަށާއި ނޭޓޯގެ ސުލްހަ ބަލަހައްޓާ އޮފިޝަލުންނަށާއި ނޫސް ވެރިންނަށް ވަނީ ހަމަލާދީފައި. ވޫސިކު (ސާބިއާގެ ރައީސް) ގެ އަމުރަށް ކޮސޯވޯގެ ހުޅަނގު ބިތުގައި ހަމަޖެހުން ނަގާލަން މަސައްކަތްކުރާ ފަރާތްތަކުން އިންސާފާ ކުރިމަތިލާން ޖެހޭނެ،" ސާބިއާގެ ރައީސްގެ ނުފޫޒު ކޮސޯވޯގެ ސާބުންގެ މައްޗަށް ފޯރާފައިވާކަން ފާހަގަކުރައްވައި ރައީސާ އުސްމާނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ސާބިއާގެ ރައީސް ވޫސިކް ވިދާޅުވިގޮތުގައި ހަމަނުޖެހުންތަކުގައި ސާބުންގެ 52 މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ތިން މީހުންގެ ހާލު ސީރިއަސްވެފައިވެ އެވެ.

2008 ވަނަ އަހަރު ކޮސޮވޯގެ މިނިވަންކަން އިއުލާން ކުރި ކަމުގައި ވިޔަސް އެ ގައުމުގެ އުތުރުގައި ދިރިއުޅޭ ސާބުން މި ނިންމުން ގަބޫލެއް ނުކުރެ އެވެ. އެ މީހުން ދެކެނީ އެމީހުންގެ ވެރި ރަށަކީ ސާބިއާގެ ވެރިރަށް ބަލްގްރޭޑް ކަމަށެވެ. އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ވެސް ސާބުން ވޯޓުލާން ނުނިކުމެ އެވެ.

އިންތިޚާބު ބޮއިކޮޓްކޮށް ސަރުކާރު ގަބޫލުނުކޮށް ސާބުން ހިންގަން ފެށި ހަމަނުޖެހުމުގެ ސަބަބުން ކޮސޯވޯގެ ހާލަތު ވަނީ ވަރަށް ނާޒުކު ހާލަތަކަށް ބަދަލުވެ، ސާބިއާ އާއެކު ހަނގުރާމައެއް ފެށިދާނެ ފަދަ ފައްތަރެއްގަ އެވެ.