މަސައްކަތްތެރިންނާ ބެހޭ ދެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެކަމުގެ ބަހުސް ކުރިއަށް ނުދާތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ފާޑުވިދާޅުވެއްޖެ އެވެ.

މަސައްކަތްތެރިންނާ ގުޅުން ހުރި ދެ ބިލެއް މަޖިލީހަސް ހުށަހެޅި ނިމިދިޔަ ދައުރުގަ އެވެ.

އެ ދެ ބިލުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާދު ވިދާޅުވެފަ އެވެ.

މަޖިލީހުގެ ރައީސް ނަޝީދު ޓެގް ކުރައްވާ ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލްއަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔައްކުރުމަށް އަދި އިގްތިސޯދަށް ވަރައް މުހިއްމު ދެ ބިލް ކަމަށެވެ.

މަޖިލީހަށް ހުށަހަޅާ ގަރާރުތަކެކޭ އެއްފަދައިން މިދެ ބިލު އެޖެންޑާކޮއް ބަހުސްކޮއް ފާސްކުރުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބޭނުމަކީ މަސައްކަތްތެރިން މަސައްކަތް ކުރާ މާހައުލުގެ ސަލާމަތްތެރިކަމާއި، މަސައްކަތެރިންނާއި މަސައްކަތުގެ މާހައުލުގައި އުޅޭ މީހުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހުށަހެޅި ދެ ބިލެވެ.

އެ މަސައްކަތުގެ މާހައުލުން މަސައްކަތްތެރިންނަށް ލިބޭ އަނިޔާ އާއި ގެއްލުންތަކަށް ބަދަލު ދެވޭނެ ނިޒާމެއް ވެސް މި ބިލް ފާސްވުމުން ލިބިގެންދާނެ ކަމަށްވެސް ބިލުގައިވެއެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގައި ސަރުކަރުން ހުށަހަޅާ އެކި ބިލްތަކަށް ބަހުސް ނުކޮށް އަދި އެޖެންޑާ ވެސް ނުކޮށް އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ހުށަހަޅާ ގަރާރުތަކަށް އިސްކަންދޭކަން މަޖިލީހައިގެ ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ގެންދަނީ ބުނަމުންނެވެ. އަދި މަޖިލީހުގެ ރިޔާސަތުން ވެސް އެގޮތަށް ކަން ކުރަނީ ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން ކަމަށް ވެސް ބައެއް މެމްބަރުން ބުނެ އެވެ.