ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ކެމްޕެއިން މެނޭޖަރަކަށް މުހައްމަދު އަމީން (ކެޕްޓަން އަމީން) ހަމަޖައްސައިފި އެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވަނީ ޔާމީންގެ ޑެޕިއުޓީ ކެމްޕެއިން މެނޭޖަރަކަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ހަމަޖެއްސިކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

އެ ދެ ބޭފުޅުންނަށް މަގާމްގެ ލިޔުން ހަވާލުކޮށްދެއްވީ ޕީޕީއެމް، ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

ކެމްޕެއިން މެނޭޖަރު ހަމަޖެއްސިއިރު، ޔާމީން އަދިވެސް އޮންނެވީ ޖަލުގަ އެވެ.

އެމަނިކުފާނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ހައިކޯޓުން އަދި ފަށާފައެއްނުވެ އެވެ. އެކަމަކު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ރ. ފުއްގިރީގައި ރިސޯޓް ތަރައްގީކުރުމަށް ދޫކުރި މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިއަށް އެބަދެ އެވެ.

އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ނުފަށައި ލަސްކުރާ ސަބަބެއް ހައިކޯޓުން ނުބުނެ އެވެ.