ދުނިޔޭގެ މަތީ ފަންތީގެ އެއާލައިނަކުން ދާގީނާއާއެކު އެ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންގެ ބަރުދަން ވެސް ބަލަން ހަމަޖައްސައިފި އެވެ.
ނިއުޒިލޭންޑްގެ ގައުމީ އެއާލައިން ކަމަށްވާ އެއާ ނިއުޒިލެންޑުން ބުނެފައިވަނީ މި ނިންމުމަކީ ދިރާސާއެއްގެ ދަށުން ހަތަރު ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.
އެގޮތުން މިކަމުގެ ބޭނުމަކީ އެ އެއާލައިންގެ ފުލައިޓްތަކުގެ އެވްރެޖް ލޯޑު ބެލުން ކަމަށާއި މިއީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ކުރާ ކަމެއް ކަމަށެވެ.
ބަރުދަނަކީ ޒާތީ މައުލޫމާތަކަށްވާތީ އެ މައުލޫމާތު ސިއްރު ކުރެވޭނެ ކަމުގެ ޔަގީންކަން އެ އެއާލެއިނުން ދޭއިރު މިކަމުގައި ބައިވެރި ވުމަކީ އިހްތިޔާރީ ކަމެއް ކަމަށް އެ އެއާލައިނުން ބުނެ އެވެ.
އެހެން ނަމަވެސް ގިނަ ބަޔަކު އަންނަނީ އެއާ ނިއުޒިލޭންޑުގެ މި ނިންމުމާއެކު މިއީ އެހެން އެއާލައިންތަކުގައި ވެސް މަޖުބޫރު ކަމަކަށް ހަދާފާނެ ކަމަށް ބުނަމުންނެވެ.
އަދި ކުރިއަށް އޮތް ތަނުގައި އެއާލައިންތަކުން ޓިކެޓާއެކު ދޭ ބަރުދަނުގައި މީހާގެ ބަރުދަން ހިމަނާފާނެ ކަމަށް ބުނެ ވެސް ގިނަ ބަޔަކު ޖޯކު ޖަހަ އެވެ.