އައްޑޫގައި ޓުއަރިޒަމް ތަރައްގީނުވެ އޮތީ މިސަރުކާރުގެ އިހުލާސްތެރި މަސައްކަތްތަކަށް ނުކުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އައްޑު ސިޓީގެ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެވަނީ އެ ސިޓީގައި ފައްޓަވައިދެއްވާފަ އެވެ.
އެންމެ ބޮޑު މަޗްރޫއަކީ އައްޑޫ ބިންހިއްކުމުގެ މަޝްރޫ އެވެ. މިމަޝްރޫއުގައި 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ބިން ހިއްކުމުގެ މަޝްރޫއު ފަށަނީ މަރަދޫ/ ފޭދޫ އިންނެވެ.
މި މަޝްރޫއުގައި އައްޑޫ ސިޓީގެ 11 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ އަދި ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. ހުޅުމީދޫއިން 23.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފަ އެވެ. އަދި އަދި ހުޅުމީދޫގައި ފަޅު ތެރެއިން ޓޫރިޒަމަށް ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވާނެ އެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ އައްޑޫ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަކީ މީގެ ކުރިން ހަމައެކަނި ދެކެވޭ ވާހަކަތަކެއްގެ ގޮތުގައި އޮތް ކަމެއް ނަމަވެސް މިހާރު ބިން އިތުރުކުރުމުގެ މި ބިޔަ މަޝްރޫއާއެކު ތަރައްގީގެ ހެޔޮބަދަލު އައްޑޫ ސިޓީގައި އަމަލީގޮތުން ފެށުނީ ކަމަށެވެ.
ރައީސް ނަޝީދު މިއަދު ކުރައްވާފައްވާ ޓްވީޓެއްގައި ވިދާޅުވީ ވިލިނގިލި، ހެރެތެރެ، އަދި ހެނކެޑެ އަދިވެސް އޮތީ ރަނގަޅަށް ހިނގައިނުގަނެ ކަމަށެވެ. އައްޑޫ ސިޓީގެ ޓުއަރިޒަމް ތަރައްގީނުވެ އުޅެނީ ރަށް ނެތިގެނެއް ނޫން ކަމަށާއި މިސަރުކާރުގެ އިހްލާސްތެރި މަސައްކަތް މިކަމަށް ނުކުރެވިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ގަން އެއާޕޯޓު ހިންގަން ފެށުމުގެ އައު ވިސްނުމަކަށް މާލަސް ވެސް ވެއްޖެ ކަމަށެވެ.
އައްޑޫ ސިޓީއަކީ އަބަދުވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަށެކެވެ. ކޮންމެ ރިޔާސީ އިންތިހާބަކަށް އައްޑޫ ސިޓީއަށް ގިނަ މަޝްރޫއުތަކެއް ހިންގުމަށް ޕްލޭން ކުރެއެވެ. އެންމެ ބޮޑަށް ދައްކާ ވާހަކައަކީ އައްޑު ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމުގެ ވާހަކަ އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމުގެ އަމަލީ މަސައްކަތެއް ނުފެށެ އެވެ.