ހަމުގެ މައްސަލަތަކަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. އެ މައްސަލަތައް ހައްލުކުރަން އަގުބޮޑު ޕްރޮޑަކްޓްތައް ގަނެ އެކަމުން ވެސް ގިނަ ފަހަރަށް ބޭނުންވާ ނަތީޖާއެއް ނުލިބޭ މައްސަލަތައް ވަރަށް އާއްމެވެ.
މިފަހަރު މިއޮތީ ހަމުގެ މައްސަލަތަކަށް ވަރަށް ފަސޭޭހަ ހައްލެކެވެ. އާއްމުކޮށް ފަސޭހައިން ލިބެން ހުންނަ ކުދީނާ ފަތް ނުވަތަ މިންޓް ލީވްސްއަކީ އެއިން ހަންގަނޑަށް ގިނަ ފައިދާތަކެއް ލިބިދޭ އެއްޗެކެވެ.
އޮށާޅަ ފިލުވައިދޭ
ކުދީނާ ފަތަކީ ސަލިސިކް އެސިޑްއާއި ވިޓަމިން އޭ ގިނަ އަދަދަކަށް ހިމެނޭ ބާވަތެކެވެ. މި މާއްދާތަކަކީ ހަންގަނޑު ތެޔޮވުން ކޮންޓްރޯލް ކޮށްދޭ މާއްދާތަކަކަށް ވުމާއެކު މޫނުގައި އޮށާޅަ ނެގުން ފިލުވައިދެ އެވެ. ކުދީނާ ފަތާއި ކުޑަ ފެން ފޮދެއް އެއްކޮށް ޕޭސްޓެއް ހަދައި މޫނުގައި 15 މިނެޓު ވަންދެން އުނގުޅާފައި ބެހެއްޓުމަށްފަހު ދޮވެލާށެވެ.
ފާރުތައް ފަސޭހަ ކޮށްދޭ
ކުދީނާ ފަތުގައި އެކުލެވޭ ބާރުގަދަ އެންޓި އިންފްލިމޭޓަރީ މާއްދާތަކުގެ ސަބަބުން ހަލާކު ވެފައިވާ ތަންތަނާއި މަދިރި ހަފާފައި ހުންނަ ތަންތަން އަވަހަށް ފަސޭހަކޮށްދެ އެވެ. ކުދީނާ ފަތުގެ ޖޫސް ހަދައި ފާރުވެފައި ހުންނަ ތަންތަނުގައި އުނގުޅުމުން ދިލަ ނެގުން ކުޑަކޮށްދީ އަވަހަށް ފަސޭހަ ކޮށްދެ އެވެ.
ހަމުގެ ކުލަ އަލިކޮށްދޭ
ކުދީނާ ފަތަކީ އެންޓި ސެޕްޓިކް މާއްދާތައް މުއްސަނދި ބާވަަތަކަށް ވުމާއެކު ގިނައިރު އަވީގައި އުޅުމުގެ ސަބަބުން ހަންގަނޑު އެނދުން ފަދަ ކަންކަމަށް ހައްލެއް ލިބެއެވެ. ތާޒާ ރީތި ހަންގަނޑަކަށް ކުދީނާ ފަތުގެ ޖޫސް އަނދާފައިވާ ހަންގަަނޑުގައި އުނގުޅާށެވެ.