ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާ ދިމާލުން ދިމާއިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ފެނުނީ އިއްޔެ ހަވީރު 5:56 ހާއިރު، ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ތެރެއިން އެޗު-16 ޓަވަރާ ދިމާލުން ކަނޑުމަތިން ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާއިރު، ބޮޑަށް ބެލެވެނީ އެއީ ބިދޭސީއެއްގެ ހަށިގަނޑު ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ހަށިގަނޑު ފެނުނުއިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅުލުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން އަދި ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ކަމަށެވެ.

އެ މީހާގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރު 9911099އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން މިއަދު ވަނީ އެދިފަ އެވެ.