އުތުރު އިންޑިއާގެ އަވަށެއް ކަމަށްވާ އައްސާމްގެ ބޮޑުވަޒީރު ހިމާންތާ ބިސްވާސްއަކީ ސަރުކާރުން އައްސާމްގެ ކަންކަން ބަލަހައްޓަން ކަނޑައަޅާފައި ހުންނަ އެންމެ އިސްވެރިޔާ ކަމަށްވިޔަސް އޭނާއަކީ އޭނާގެ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
އެކަމުގެ އެއް ހެއްކަކީ އައްސާމްގެ ރައްޔިތުން ހިމާންތާއަށް "މާމާ"، ބޮޑުބޭބެގެ ނަމުން މުހާތަބު ކުރުމެވެ. އޭނާއަކީ ރައްޔިތުންނަށް ހެޔޮ ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގާތުން ބަލާ މީހެއް ކަމަށް އެ ސަރަހައްދުގެ މީހުން ބުނެ އެވެ.
އެގޮތުން ވަރަށް ފަހުން ބޭއްވި އެއްވުމެއްގެ ތެރެއިން އައްސާމްގެ އަންހެނަކު ވަނީ ހިމާންތާގެ އަރިހުން ވަރަށް އާދަޔާ ޚިލާފު އެދުމެއް އެދިފަ އެވެ.
އެއްވެފައިވާ މީހުންތަކުގެ ތެރެއިން އެ އަންހެން މީހާ ބުނެފައިވަނީ އޭނާގެ ފިރިމީހާ ކައިވެނީގެ ބޭރުން ހިލޭ އަންހެނަކާ ވާހަކަ ދައްކާ ކަމަށާއި އޭނާގެ ކައިވެނި "ސަލާމަތް" ކޮށްދިނުމަށެވެ.
ހިމާންތާ ކެތްތެރިކަމާއެކު އެ އަންހެން މީހާގެ ވާހަކަތައް އަޑުއަހައި ފިރިމީހާ ބޭވަފާތެރިވާކަން އެނގުނީ ކިހިނެއްތޯ އެ އަންހެން މީހާ ކައިރީގައި އެއްސެވި އެވެ.
އެ ސުވާލަށް ޖަވާބު ދިނުމަށްފަހު އެ އަންހެން މީހާ ވަނީ އޭނާގެ ޅަ ދަރިންނަށްޓަކައި އޭނާގެ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް ބޮޑުވަޒީރުގެ އަރިހުން ތަކުރާރުކޮށް އެދިފަ އެވެ.
އަންހެން މީހާގެ ވާހަކަތައް އަޑުއެހުމަށްފަހު ހިމާންތާ ވަނީ އެ އަންހެން މީހާގެ ތަފްސީލުތައް ނެގުމަށް އޭނާގެ އެސިސްޓަންޓުން ކައިރީގައި އެދިފަ އެވެ. އަދި އެކަން ބަލައިދޭނެ ކަމަށް ވެސް ހިމާންތާ ވިދާޅުވި އެވެ.
މި ވާހަކަތައް އަޑުއިވޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު މިކަމާ ގުޅޭ ގޮތުން އިންޑިއާގެ ރައްޔިތުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ.
އެގޮތުން ދޭދޭ މީހުންގެ ޒާތީ މައްސަލަތައް ހައްލު ކުރުމަކީ ބޮޑު ވަޒީރަކު ކުރަން ޖެހޭ ކަމެއް ނޫން ކަމަށް އެއް ބަޔަކު ބުނާއިރު އަނެއް ބަޔަކު އަންނަނީ އެއީ ރަނގަޅު ވެރިއެއްގެ ސިފައެއް ކަމަށް ބުނަމުންނެވެ.