މިމަހުގެ ދެވަނަ ދުވަހު މުޅި އިންޑިއާ ސިއްސުވާލީ އޮޑިޝާ ސްޓޭޓްގައި ދެ ރޭލެއް ޖެހި ހިނގި އެކްސިޑެންޓުގެ ހަބަރުންނެވެ. އެ ހާދިސާގައި އެތައް ސަތޭކަ ބަޔަކު މަރުވިއިރު ގިނަ ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ވެސް ލިބިފަ އެވެ.

ކައިވެނި ކުރިތާ 48 ގަޑިއިރު ފަހުން އިންޑިއާއަށް ނިސްބަތްވާ މުހައްމަދު ރަފީގްއާއި ދީޕިކާ ޕަލީ ކޮރޮމަންޑަލް އެކްސްޕްރެސްގެ ރޭލަކަށް އެރީ އެމީހުންގެ އާ ހަޔާތާ ދިމާއަށް ދަތުރު ކުރާށެވެ.

އެހެން ނަމަވެސް ތަގުދީރު ކަން ދިމާކުރީ މުޅިން އެހެން ގޮތަކަށެވެ. ހުވަފެންތަކަކާއެކު ފެށި އެ ދަތުރު އެ ދެމީހުން ވެސް ނިންމާލަން ޖެހުނީ ހޮސްޕިޓަލުންނެވެ.

ދަތުރު ކުރަމުންދިޔަ ރޭލު، ދަގަނޑުން ކައްސާލައިގެން އެހެން ރޭލެއްގައި ހިނގި އެ ހާދިސާގައި ޒަހަމްވި މީހުންގެ ތެރޭގައި އެ ދެމަފިރިން ވެސް ހިމެނުނެވެ.

އެހިސާބުން އެ ދެމީހުން އެކަކު އަނެކަކާ ވަކިވީ އެވެ. ސަލާމަތް ކުރެވުނުއިރު އެކެއްގެ ވެސް ހޭ ނެތްއިރު ނަސީބު ދިމާކުރި ގޮތުން އެ މީހުން ގެންދެވުނީ އެއް ހޮސްޕިޓަލަކަށެވެ.

ފައި ބިންދައިގެން ދިޔަ އިގްބާލް ޓްރޯމާ އެވޯޑްގައި އެޑުމިޓް ކުރެވުނުއިރު އުނަގަނޑާއި ބޮލަށް އެކި ވަރުގެ ޒަހަމްތައް ލިބުނު ދީޕިކާ އެޑްމިޓް ކުރެވުނީ ސާޖިކަލް ވޯޑުގަ އެވެ.

ސާޖަރީތަކަށްފަހު ދީޕިކާ ހޭއަރައި އޭނާގެ ފިރިމީހާ ކޮބައިތޯ އެހުމުން ހޮސްޕިޓަލުގެ އޮފިޝަލުން ވަނީ އެޑްމިޝަން ރަޖިސްޓްރީ ބަލައި އޭނާގެ ފިރިމީހާ ހޯދުމަށްފަހު ރަފީގްއާ ބައްދަލު ކުރުވާފަ އެވެ.

ފަރުވާއަށްފަހު ދީޕިކާ ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު ރަފީގަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.

އޮޑިޝާ ރޭލު އެކްސިޑެންޓްގައި މިހާތަނަށް 288 މީހުން މަރުވެފައިވާއިރު 900 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބުނެވެ. މިއީ އިންޑިއާގެ ތާރީހުގައި ވެސް ހިނގި އެންމެ ބޮޑު އެއް ރޭލު އެކްސިޑެންޓެވެ.