ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފްގެ މަންމަ އައިޝާ ޝްރޮފަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖެކީ ޝްރޮފްގެ އަންހެނުން މުމްބާއީގެ ސަންޓާ ކްރޫޒް ފުލުހުންނަށް ހުށަހެޅީ އޭނަގެ ދެ ދަރިން ކަމަށްވާ ޓައިގާ އާއި ކްރިޝްނާ ޝްރޮފް ވެސް ހިއްސާވާ ގޮތަށް ހިންގަމުން އަންނަ މިކްސް މާޝަލް އާޓްސް (އެމްއެމްއޭ) ފިޓްނެސް ސްޓޫޑިއޯ، "އެމްއެމްއޭ މެޓްރިކްސް" ގެ އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުރި އެލަން ފެނާންޑޭޒް ގިނަ އަދަދެއް ފައިސާ "ފޭރިގަތް" މައްސަލަ އެވެ.

އޭނާ މަކަރާ ހީލަތުން 58 ލައްކަ ރުޕީސް ފޭރިގަތްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އައިޝާ ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ފެނާންޑޭޒް އެމްއެމްއޭ މެޓްރިކްސް ފާމްގެ ޑިރެކްޓަރަކަށް ހަމަޖެއްސީ 2018 ވަނަ އަހަރު ކަމަށެވެ. އަދި އެ ފާމް މެދުވެރިކޮށް އިންޑިއާ އާއި ބޭރުގައި 11 މުބާރާތެއް ބޭއްވުމަށް ފައިސާ ހޯދައި، އޭނާގެ އަމިއްލަ އެކައުންޓަށް އެފައިސާ ޖަމާކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އައިޝާ އަކީ ކުރީގެ ފިލްމު ޕްރޮޑިއުސަރު، ޖެކީ ޝްރޮފްގެ އަންހެނުންނެވެ.