ހޮލީވުޑް ތަރި ޖޯނީ ޑެޕްއާއި އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްއާ ދެމެދު ކުރިއަށް ދިޔަ ކޯޓު މައްސަލަތަކުން ޖޯނީއަށް ލިބުނު ހުރިހާ ފައިސާއެއް ސަދަގާތް ކުރަން އޭނާ ނިންމައިފި އެވެ.
މިދިޔަ އަހަރު ކުރިއަށް ދިޔަ އެ މައްސަލަ ޖޯނީއާ އެއްކޮޅަށް ނިމި ޖުމްލަ އެއް މިލިއަން ޑޮލަރު ދޭން ޖެހުނެވެ. އެ ހުރިހާ ފައިސާއެއް ތަފާތު ފަސް ސަދަގާތް ފަންޑަކަށް ދޭނެ ކަމަށް ޖޯނީ ވަނީ އިއުލާން ކޮށްފަ އެވެ.
މި ސަދަގާތް ފަންޑުތަކުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުޑަ ކުދިންނަށް އެހީވާ ފަންޑަކާއި ރައްކާތެރި ގެދޮރު ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަންޑެއް ވެސް ހިމެނެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ޖޯނީ އިހްތިޔާރު ކޮށްފައިވާ 5 ފަންޑުގެ ތެރެއިން ކޮންމެ ފަންޑަކަށް 200،000 އެމެރިކާ ޑޮލަރު ދެވޭނެ އެވެ.
2015 ވަނަ އަހަރު ސިއްރުން ކައިވެނި ކުރުމަށްފަހު ޖޯނީއާއި އެމްބާ ވަނީ ޖެހިގެން އައި އަހަރު ވަރިވެފަ އެވެ. އެމީހުންގެ ކައިވެނީގައި ޖޯނީ އެމްބާއަށް އަނިޔާ ކުރި ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށައެޅި ނަމަވެސް އެ މައްސަލަ އޭނާއަށް ވަނީ ނާކާމިޔާބު ވެފަ އެވެ.
ބަދަލުގައި ޖޯނީ އެމްބާއާ ދެކޮޅަށް ހުށައެޅި ޑިފެމޭޝަން ކޭސް އެމްބާގެ މައްޗަށް ސާބިތުވެ ބޮޑު ފައިސާގެ އަދަދެއް އޭނާ ޖޯނީއަށް ދޭން ޖެހުނެވެ.