އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސް (އޭއޭއޭ) އިން ހިންގާ ފްލައިން ސްކޫލު 35،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އެ ފްލައިން ސްކޫލު ޖޫރިމަނާކުރީ މަދަނީ ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކަމަށެވެ. އެގޮތުން އެ ގާނޫނާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގައި އަމަލުކުރާނެ ގޮތާއި ޖޫރިމަނާ ކުރެވޭނެ އެންމެ މަތީ އަދަދު މަދަނީ ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. 2001 ވަނަ އަހަރުން ފެށިގެން އަމަލުކުރާ އެ ގާނޫނު ބުނާގޮތުން، ގާނޫނާ ޚިލާފުވާ ފަރާތްތައް 100،000 ރުފިޔާއަށް ވުރެ ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

އައްޑޫ ފްލައިން ސްކޫލު މައްސަލައިގައި ގިނަ ކަންތައްތަކެއް އިސްލާޙުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް އެ ސްކޫލަށް އަންގާފައިވެ އެވެ. އެގޮތުން މިހާތަނަށް ވަކި ކުރުމަށް ނޯޓިސް ދީފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާތިލުކުރުމަށް އެ ސްކޫލަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވެ އެވެ.

އެ ސްކޫލުން އެގޮތަށް އަމަލު ނުކުރާނަމަ އެކަން ސިވިލް އޭވިއޭޝަނަށް ރިޕޯޓު ކުރުމަށާއި، މިގޮތަށް ހުށަހަޅާ ހުރިހާ ރިޕޯޓެއް ބަލާނެކަމުގެ ޔަގީންކަން ވެސް އެ މިނިސްޓްރީން ދީފައިވެ އެވެ. އަދި ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ ކަމެއް ނޫން ކަމަށާއި، އެހެންކަމުން ރާއްޖޭގެ ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަށް ވެސް އެ ސްކޫލަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވެ އެވެ.

ފްލައިން ސްކޫލުގެ މެއިންޓެނަންސް އެޕްރޫވަލްތަކުގެ ދެ އޯޑިޓެއް މިދިޔަ ނޮވެމްބަރު މަހުގައި ކޮށްފައިވާއިރު، މި އޯޑިޓްތަކުގެ ނަތީޖާއެއްގެ ގޮތުން މެއިންޓެނަންސް ދާއިރާގައި އުޅޭ މައްސަލަތަކުގެ ލެވަލް އެކެއްގެ ފައިންޑިންތަކުގެ ސަބަބުން މަތިންދާ ބޯޓުތަކެއް ގްރައުންޑް ކުރަންޖެހުނުކަން ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ. އަދި އެތަނުގައި ކިޔަވަމުންދާ ދަރިވަރުންގެ އުދުހުމުގެ ގަޑިތައް ހަމަކުރުމަށް ބޭނުންވާ ޢަދަދަށް މަތިންދާ ބޯޓުތައް ފްލައިން ކޮންޑިޝަނަށް ގެނައުމަށް އަންގާފައިވާކަމަށް ވެސް މި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.