ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން 'މެންދުރު އޮންލައިން' ގައި ޝާއިއު ކުރި ރިޕޯޓެއް، އަކުރުން އަކުރަށް ޗެނަލް 13 އިން ތަކުރާރުކޮށް ގެނެސްދިން މައްސަލައިގައި މައާފަށް އެދުމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އަންގައިފި އެވެ.

މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހު ހުށަހެޅި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތުތަކެއް ދީފައިވީނަމަވެސް، އެފަރާތުން މައްސަލައަށް ޖަވާބުދާރީވެފައި ނުވާކަމަށެވެ.

28 ޖޫން 2020 ވަނަ ދުވަހުގެ ރޭ 23:44ގައި ޗެނަލް13 އިން ވަނީ އެ ރިޕޯޓް ގެނެސްދީފަ އެވެ. އެ ކޮންޓެންޓް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގެ އެއްވަނަ ނަންބަރު، "މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑުކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތައް ހިފެހެއްޓުން" އަދި ދެވަނަ ނަންބަރު، "އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުންނުކުރުން" އަދި ތިންވަނަ ނަންބަރު "އޮރިޔާން ކާޑާއި އޮރިޔާން ކާޑުގެ މާނައިގައި ހިމެނޭ އެއްޗިއްސާއި ޖިންސީ ގުޅުން ސިފަވާ މަންޒަރާއި އަޑު ހިމެނޭ އެއްވެސް އެއްޗެއް ބްރޯޑްކާސްޓްނުކުރުން" އާ ހިލާފުވާ ކަމަށް އެ ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ.

އަދި އެއީ ކޯޑް އޮފް ޕްރެކްޓިސްގެ 2 ވަނަ ހަމައިގެ (1)، (2) އަދި (3) އާ "ޗެނަލް 13" އިން ހިލާފުވި ފުރަތަމަ ފަހަރު ކަމުގައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ޕްރޮގްރާމްތައް ބައްޓަންކުރުމަށާއި، އެފަދަ ކޮންޓެންޓުތައް ފޮނުވުމުގައި ސަމާލުވުމަށް ޗެނަލް13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ނަސޭހަތްތެރިވުމަށް ވަނީ ނިންމައިފަ އެވެ.

އަދި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ "ޗެނަލް 13" އިން ބްރޯޑްކާސްޓްކޮށްފައިވާތީ، މައާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި އެ ބަޔާން 17 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 08:30 އާ ދެމެދު ޗެނަލް13 އިން އާންމުކުރުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓަޑަށް އެންގުމަށް މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ ނިންމައިފަ އެވެ.

ސަފާރީގައި ކެންޔާ އަންހެނަކު ރޭޕްކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ޖިންސީ ގޯނާކޮށްފައިވާ ކަމަށް އެ އަންހެން މީހާ ބުނެއެވެ. އެ މައްސަލާގައި ލ. ގަން، ތުނޑި، ނޫރަންގެ، އަބްދުﷲ ޝާންގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.