ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަކީ ހަމަ ކޮންމެ މުސްލިމެއްގެ ވެސް ހަޔާތުގެ އެންމެ ބޮޑު އެއް ހުވަފެނެވެ. އެހެން ނަމަވެސް އެކަމަށް ހޭދަވާ ބޮޑު ހަރަދާއެކު ގިނަ މުސްލިމުންނަށް އެކަމުގެ މަގު އޮންނަނީ ފަހި ނުވެފަ އެވެ.

މިފަހަރު މިއޮތީ މި ގޮންޖެހުން ކަޑައްތުކޮށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިޔަ އިންޑިއާއަށް ނިސްބަތްވާ މުސްލިމެއްގެ ވާހަކަ އެވެ.

ޝިހާބުއްދީން ސައީދު އަލަވީ ނަމަކަށް ކިޔާ ކެރެލާގެ އެ މުސްލިމް އަޚާ ވަނީ ފައިމަގުގައި ޖުމްލަ 8640 ކިލޯމީޓަރުގެ ދުރު ރާސްތާއެއް ކަޑައްތުކޮށް މައްކާއަށް ގޮސްފަ އެވެ.

ޝިހާބު ބުނީ ފައިމަގުގައި މައްކާގެ މާތް ބިމަށް ދިއުމަކީ އޭނާގެ އަބަދުގެވެސް ހުވަފެނެއް ކަމަށާއި އެކަން ހާސިލް ކުރެވުނީތީ މާތް ﷲއަށް ހަމްދު ކުރާ ކަމަށެވެ.

މުޅިއަކު އެއް އަހަރާއި 17 ދުވަސް ހޭދަވި އެ ދަތުރުގައި ޝިހާބު ވަނީ ފަސް ގައުމެއް ހުރަސް ކޮށްފަ އެވެ. އެއީ އިންޑިއާ، ޕާކިސްތާން، އިރާން، އިރާގް އަދި ކުވެއިތެވެ.

ކެރެލާއިން އޭނާ ނުކުތީ މިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ. މައްކާއަށް އޭނާއަށް ވަދެވުނީ މި ހިނގާ ޖޫން މަހުގެ ހަތްވަނަ ދުވަހު އެވެ.

ޝިހާބް އިތުރަށް ބުނީ މައްކާގެ ފަސްގަނޑުގައި ފައި ޖެހުމާއެކު އެ ދަތުރުގައި އޭނާއަށް ކުރިމަތިވި ހުރިހާ ގޮންޖެހުންތަކެއްގެ މަތިން ހަނދާން ނެތުނު ކަމަށެވެ.

"މި ދަތުރަށް އަހަރެން ބޭނުންކުރީ ރައްކާ ކޮށްފައި ހުރި ފައިސާކޮޅެއް. އެކަމަކު އެ ފައިސާ ބޭނުން ކުރަން ޖެހުނީ މަދު ފަހަރަކު" ދަތުރުގެ ތެރެއިން އެކި ހިސާބުތަކުގައި ދިރިއުޅޭ މުސްލިމުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަ ކުރަމުން ޝިހާބު ބުންޏެވެ.

މި ދަތުރުގެ ތެރެއިން ޝިހާބުގެ ހަށިގަނޑުން 18 ކިލޯ ލުއިވި ކަމަށާއި ދަތުރުވީ އޭނާގެ ޖިސްމާނީ އަދި ރޫހާނީ ހަށްޓަށް ފައިދާ ކުރުވަނިވި ދަތުރަކަށް ކަމަށެވެ.

ޝިހާބު ވަނީ އޭނާގެ ދަތުރުގެ ބައެއް އުސްއަލިތައް އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.