ފިލިޕީންސްގެ ސޭބޫއިން ފުރައިގެން ދެކުނު ކޮރެއާގެ ވެރިރަށް ސިއޯލްއަށް ދަތުރުކުރި މަތިންދާ ބޯޓެއްގެ ދޮރު ހުޅުވަން އުޅުނު މީހަކު ހުއްޓުވައިފި އެވެ.
ދަތުރު ފެށިތާ ގަޑިއިރެއް ފަހުން އެ ބޯޓުން ދަތުރުކުރި 19 އަހަރުގެ ޒުވާނަކު ވަނީ އޭނާގެ މެއަށް ތަދުވާ ކަމަށް ބުނެ ވައިގެ ތެރެއިން ބޯޓުގެ ދޮރު ހުޅުވަން އުޅެފަ އެވެ.
އެހެން ނަމަވެސް ޖޭޖޫ އެއާލައިންސްގެ އެ މަތިންދާ ބޯޓުގެ ކުރޫންނާއި ބައެއް ފަސިންޖަރުންގެ މަސައްކަތުން ވަނީ އެ ޒުވާނާ ހުއްޓުވައި ވާގަނޑަކުން ބަނދެ ހިފަހައްޓާފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ދަތުރު ފެށި ފަހުން އެ ޒުވާނާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވި ބޯޓުގެ ކްރޫން ވަނީ އޭނާގެ ސީޓު ބަދަލުކޮށްފަ އެވެ. ބޯޓުގެ ދޮރު ހުޅުވަން އޭނާ މަސައްކަތް ކުރީ އޭގެ ފަހުންނެވެ.
ބޯޓު ޖެއްސުމަށްފަހު ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި އެ ޒުވާނާ ހުރީ މަސްތުވާ ތަކެތީގެ ބޭނުންކޮށްގެންނެވެ. އެ ޒުވާނާ ހައްޔަރު ކުރެވި މައްސަލަ އިތުރަށް ތަހުގީގު ކުރެވެމުން އަންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
މި މަހުގެ 19 ވަނަ ދުވަހު ހިނގި މި ހާދިސާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ބައެއް މީހުން އަންނަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.