ބޮލީވުޑްގެ އެންމެ މަޝްހޫރު ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ އަށްވަނަ ސީޒަން ފަށަން ތައްޔާރު ވެފައިވާއިރު އެ ޝޯގައި މިފަހަރު ފެންނާނެ މެހެމާނުންގެ ވާހަކަތައް މިހާރު އަންނަނީ ދެކެވެމުންނެވެ.

އެގޮތުން މިފަހަރުގެ ސީޒަންގައި އެންމެ މަގުބޫލު މެހެމާނުންނަށް ވާނީ ބޮލީވުޑްގެ އެންމެ މަގުބޫލު ދެބަފައިން ކަމަށްވާ ޝާހްރުކް ޚާނާއި އާރްޔަން ޚާން ކަމަށް ހަބަރުތައް އަންނަނީ ބުނަމުންނެވެ.

ޝާހުއާއި އާރްޔަން ޚާން އެއްކޮށް "ކޮފީ ވިތު ކަރަން"ގެ ސޯފާއިން ފެންނާނެ ކަމުގެ އަޑުތައް އަރާފައިވާއިރު މި ޝޯއަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

ޝާހުރުކް ޚާން މިހާރު އޭނާގެ ފިލްމް "ޖަވާން"ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރަމުން އަންނައިރު އާރްޔަން އަންނަނީ އޭނާގެ އެންމެ ފުރަތަމަ ޑައިރެކްޓޯރިއަލް ފިލްމް "ސްޓާޑަމް"ގެ މަސައްކަތް ކުރަމުންނެވެ.

ޝާހުއަށް ތިން ކުދިން ލިިބިފައިވާއިރު ދޮށީ ދެ ކުދިން މިހާރު ވަނީ ބޮލީވުޑަށް ނުކުމެފަ އެވެ. އާރްޔަން ޚާން ޑައިރެކްޝަންގެ ރޮނގުން ކުރިއަށްދާއިރު އަންހެން ދަރިފުޅު ސުހާނާ ޚާން ވަނީ ނެޓްފްލިކްސް ފިލްމް "އާޗީސް"އިން އެކްޓިންއަށް ނުކުމެފަ އެވެ.

ކޮފީ ވިތު ކަރަންގެ އަށްވަނަ ސީޒަން އަންނަ އޮގަސްޓް މަހު ފަށަން ހަމަޖެހިފައވާއިރު ޝޯގެ މެހެމާނުންގެ އެއްވެސް މައުލޫމާތެއް އަދި ހިއްސާކޮށްފައެއް ނުވެ އެވެ.