އަނގަ ފާރުވެ ތަދުވާތީ އުޅެން ހެއްޔެވެ؟ އަނގަ ހެފި އެއްޗެއް ނުކެވިގެން އުޅެން ޖެހޭ ހެއްޔެވެ؟ މިއީ އަހަރުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މި ލިޔުމުގައި މި ހިއްސާ ކޮށްލަނީ މިކަމަށް ގޭގައި ދެވިދާނެ ބައެއް ފަރުވާ ތަކެވެ.
ލޮނާއި ބޭކިން ސޯޑާ
އެންމެ ފަސޭހައިން އަނގައިގެ ފާރު ފަސޭހަކުރެވޭނީ ތާފާނާ ފެނަށް ލޮނު ނުވަތަ ބޭކިންގ ސޯޑާ އޭޅުމަށްފަހު އެފެނުން އަނގަ ދޮވުމުންނެވެ. މީގައި ހިމެނޭ އެންޓި ބެކްޓީރިއަލް މާއްދާ ތަކުން ފާރުތައް ރަނގަޅުވެ އެވެ. އަނގައިގައި ހުންނަ ފާރުތައް ރަނގަޅުވަންދެން މި ރެމެޑީ ތަކުރާރުކޮށް ބޭނުން ކުރެވިދާނެ އެވެ.
ކާށިތެޔޮ
ކާށި ތެލުން އަނގައިގައި ހެދިފައި ހުންނަ ފާރުގެ އެތެރޭގައި ހުންނަ ފަށަލަތައް ބެދި ރަނގަޅު ކޮށްދިނުމަށް އެހީވެދެ އެވެ. ކާށިތެލަކީ އެންޓި އިންފްލެމެންޓަރީ އެއްޗަކަށް ވުމުން އެއިން ތަދު ކެނޑުމަށް ވެސް އެހީވެދެ އެވެ.
މާމުއި
މާމުޔަކީ ޒަމާނުއްސުރެ ބޭސްފަރުވާ އަށް ބޭނުން ކުރަމުން އަންނަ އެންޓި އިންފްލެމެންޓަރީ އަދި އެންޓި ބެކްޓީރިއަލް މާއްދާތައް ހިމެނޭ އެއްޗެކެވެ. ފާރުގަނޑުގައި މާމުއި އުނގުޅުމުން އާ ޓިޝޫތައް އުފެދި ފާރު ރަނގަޅު ވުމަށް އެހީވެދެ އެވެ. ފާރުގަނޑުގައި މާމުއި އެކަނި އުނގުޅާލެވިދާނެ އެވެ. ނުވަތަ ރީނދުލާއި މާމުއި އެއްކޮށްގެންވެސް ބޭނުން ކުރެވިދާނެ އެވެ.
އަލޮވެރާ
އަލޮވެރާގައި ހުންނަ ޖެލް އަކީ ހުރިހާ ވައްތަރެއްގެ ފާރަށްވެސް ރަނގަޅު ފަރުވާ އެކެވެ. މި ޖެލްގައި ހިމެނޭ އެންޓި އިންފްލެމެންޓަރީ މާއްދާއިން ފާރުގަނޑު ފަސޭހަކޮށްދީ ތަދު ކަނޑުވަ އެވެ. އަލޮވެރާ ޖެލްކޮޅެއް ފެންފޮދަކަށް އަޅާފައި އެފެނުން ކޮންމެ ދުވަހަކު ދެފަހަރު އަނގަ ދޮންނާށެވެ.