މިއަދު ފާހަގަކުރާ އަޟްހާ އީދަކީ ކުދިބޮޑު އެންމެންނަށް އޮތް އީދެކެވެ. ވަކި ޖިންސެއް ނުވަތަ އުމުރެއް އިސްތިސްނާ ވުމެއް ނެތި އެންމެންނަށް އައި އީދެކެވެ.

ވީއިރު މިއަދުގެ އުފަލުގައި ބޮޑުވަމުން އަންނަ ޅަ އުމުރުގެ ކުދިން ޝާމިލު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެ މައުސޫމު ސިކުނޑިތަކަށް އީދުގެ މުހިއްމުކަމާއި އަހަރުމެންގެ ތެރޭގައި އޮތް އީދުގެ ސަގާފަތްތައް ވިސްނައިދިނުމަކީ މިއަދު ކުރަން ޖެހިފައި އޮތް ކަމެކެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަކީ އީދު ނަމާދުގައި އެންމެ ތުއްތު ކުދިން ވެސް ބައިވެރި ކުރެވިދާނެ އެވެ. އާއިލާގެ އެހެން މެމްބަރުންނާއެކު އެ ކުދިން ވެސް އީދު ނަމާދުގެ ޖަމާއަތަށް ގެންދާށެވެ.

އެއަށްފަހު ދެން އޮތީ މެންދުރުގެ ކެއުމެވެ. އާއްމުކޮށް މެންދުރުގެ ކެއުން ތައްޔާރު ކުރުމަކީ ގޭގެ އަންހެން ވެރިންނަށް އޮންނަ ކަމެއް ނަމަވެސް ކުޑަ ކުދިންނަށް ކުރެވޭ ވަރުގެ ކުދި ކުދި ކަންތައްތައް އެކުދިން ލައްވާ ކުރުމަކީ އެ ހިތްތަކުގައި އީދުގެ ރޫހު އާވާނެ ކަމެކެވެ.

މި އީދުގައި ތިޔަ އާއިލާގެ ކުދިންގެ ނަމުގައި ސަދަގާތެއް ކުރުން ކިހިނެއް ވާނެ ހެއްޔެވެ؟ އެ ކުދިންގެ އަތުން އެހެން މީހުންނަށް އީދު ހަދިޔާއެއް ދިނުމަކީ އެ ކުދިންގެ ހިތްތަކުގައި އެހެން މީހުންނަށްޓަކައި ލޯތްބާއި ކުލުނު އުފެދޭނެ ކަމެކެވެ.

ދިވެހިންގެ އީދު ސަގާފަތްތައް އަންނަން އޮތް ޖީލުތަކަށް ގެންދިއުމަށްޓަކައި މިއަދުގެ ކުޑަކުދިންނަށް އެ ސަގާފަތްތަކާއި އާދަތައް ދަސްކޮށްދޭން ޖެހެ އެވެ.