މޫސުން ވަރަށް ބޮޑަށް ގޯސްވެ، ޅ. އަތޮޅާއި މ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް މޫސުމާބެހޭ ގައުމީ އިދާރާއިން ނެރެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ މެދު ރާއްޖެތެރޭގެ ސަރަޙައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 4:00އާ ހަމައަށް ކަމަށެވެ. އަދި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މޫސުމާ ބެހޭ އިދާރާއިން ޅ. އަތޮޅާއި މ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރުނުއިރު ހއ. އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް އެ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓުގެ މުއްދަތު އިރުއޮއްސި 6:00 އާހަމައަށް ވަނީ އިތުރުކޮށްފަ އެވެ.

މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މިއަދު ކުރަމުންދާ ވިއްސާރާގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުން ސިފައިން ނުކުމެ ފެން ހިއްކަމުން އެބަ ގެންދެ އެވެ. އަދި މި ވިއްސަރައާ ގުޅިގެން ބައެއް ރަށްރަށުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ބ. މާޅޮހުގައި ފެންބޮޑުވެފައި. ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް އިން ބުނީ ބައެއް ގެތަކަށް ފެން ވަދެ ގެއްލުން ލިބުމުގެ ހާދިސާކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން ބ. މާޅޮހު ބައެއް ގެތަކަށް ފެންވަދެފައިވާތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް އިން ފެން ހިއްކުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މޫސުމާބެހޭ އިދާރާއިން ބުނިގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް ވާރޭ ވެހިފައި ވަނީ ބ. ދަރަވަންދޫއަށެވެ. އެ ރަށަށް ވަނީ 88.0 މިލިލީޓަރުގެ ވާރޭ ވެހިފަ އެވެ.

މިހާރު ރާއްޖޭގެ އެކި ހިސާބަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގައި ހުންނަ އެސްޓީއޯ ކާޑު ގުދަން ކައިރީ ފެންބޮޑުވުމުން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރަނީ. ފޮޓޯ: އެމްއެންޑީއެފް

މެޓް އޮފީހުން ވަނީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފަ އެވެ.